ކުރީގެ މެމްބަރު ނާޒިމް ޖަލަށްލި މައްސަލާގައި ބަދަލު ހޯދަން ދައުވާ ކުރެވޭނެ: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކުން  އުމުރަށް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން އޭނާއަށް ދައުވާ  ކުރެވޭނެ ކަމަށްް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނެވެ. އެކަމަކު އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.
ނާޒިމް ދައުވާކުރީ އެ  ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާތީ މެމްބަރުކަމުގެ މުސާރަ އާއި އިނާޔަތްތައް ހޯދުމަށާއި ލިބުނު އެހެން ގެއްލުންތަކަށް ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ. 
ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ. ހައި ކޯޓުން ވެސް އެ ނިންމުން ދެމެހެއްޓި އެވެ. 
ނާޒިމްގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގެ ނިންމުންތައް ބާތިލްކޮށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ނާޒިމް ޖަލަށްލާން ހުކުމް ކުރުމުން ޖަލުގައި ހުންނެވުމަށް ފަހު ރާއްޖެ އިން ބޭރަށް ވަޑައިގެން ފަހުން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ