މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އެހެން އަހަރުތަކަށް ވުރެ ފުރިހަމަކޮށް، ހުރިހާ އިންތިޒާމުތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
މިއީ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވި ފަހުން ހައްޖުވެރިން ފުރާ ފުރަތަމަ އަހަރު ކަމަށް ވުމާއެކު، ހައްޖާޖީންނަށް އެންމެ އެދެވޭ ހިދުމަތް ދިނުމަށް އެމްއޭސީއެލް އިން ވަނީ ހާއްސަ ތައްޔާރީތަކެއް ވެފައެވެ.
އެ ކުންފުނިން މައުލޫމާތު ދެއްވި ގޮތުގައި، ހައްޖާޖީން އެއާޕޯޓަށް ދާ ރޫޓުން ފެށިގެން ފްލައިޓަށް އެރުމާ ހަމައަށް ހުރިހާ ކަމެއް ވަނީ ވަރަށް ފަސޭހަވާނެ ގޮތަށް ތަރުތީބުކުރެވިފައެވެ. އެމްއޭސީއެލްގެ ފަރާތުން މި މަސައްކަތްތައް އޯވަސީ ކުރައްވާ ހަސަން ރަޝީދު ވިދާޅުވި ގޮތުގައި، އެއާޕޯޓުގެ ޓްރެފިކް ބެލެހެއްޓުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް މިފަހަރު ވަރަށް ބޮޑު އިސްކަމެއް ދެވޭނެއެވެ.
ހާއްސަކޮށް އުމުރުން ދުވަސްވީ ބޭފުޅުންނާއި، އަންހެނުން އަދި ކުޑަކުދިން ހައްޖާޖީންގެ ތެރޭގައި ހިމެނޭތީ، އެ އެންމެހާ ފަރާތްތަކަށް އުނދަގުލެއް ނުވާނެހެން ކަންކަން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ހަސަން ރަޝީދު ފާހަގަކުރެއްވިއެވެ.
މެއި 15 ވާ ހުކުރު ދުވަހުގެ ހެނދުނު ފުރާ ހައްޖާޖީން އެއާޕޯޓަށް އައުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީގެ ހާއްސަ ބަސްތަކުގައެވެ. މި ބަސްތައް ޓެކްސީ ލައިނާ ދިމާލުގައި ހައްޖާޖީން ފުރަންދެން މަޑުކޮށްގެން އޮންނާނެ ކަމަށާއި، މާލެއިން ވަޑައިގަންނަވާ ބޭފުޅުންނަށް އެ ބަހުން ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ފަހިކޮށްދީފައެވެ. 15 ވަނަ ދުވަހު ހައްޖާޖީން މަޑުކުރައްވާނީ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައެވެ.
މީގެ އިތުރުން ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި އޮންނަ ޓެކްސީ ލައިނުން މާލެއާއި ހުޅުމާލެއަށް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އިންޓަނޭޝަނަލް ޕިކްއަޕް ޕޮއިންޓް (ޓީ 1 ގެ ގޭޓް 4 ކުރިމަތި) އިން ވެސް ޓެކްސީގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ދިވެހި ހައްޖާޖީންނަށް ވީހާވެސް އޮމާންކަމާއެކު ދަތުރު ފެށޭނެ ގޮތް ހެދުމަށްޓަކައި އެމްއޭސީއެލް އިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެކެވެ.
އާ ޓާމިނަލާއެކު ހައްޖާޖީންނަށް އެއާޕޯޓުން މިއަހަރު ހާއްސަ ލުއިތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ