ޙައްޖުވެރިންގެ ނުސުކް ކާޑު ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

ދިވެހި ހައްޖުވެރިންގެ ނުސުކް ކާޑް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިކަމަސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް، މިއަހަރު ހައްޖުވެރިންގެ ނުސުކް ކާޑު ހަވާލުކުރަނީ ރާއްޖެއިން ފުރުމުގެ ކުރިންނެވެ. ދިވެހިރާއްޖެއަކީ މި ކާޑު، އަމިއްލަ ޤައުމުން ހަވާލުކުރާ ފުރަތަމަ ޤައުމުކަމަށް ރާއްޖޭގެ މުޠައްވިފް ރަވާފް މިނާއިން ފާހަގަކުރައްވައެވެ. ޙައްޖު ކޯޕަރޭޝަނުން ދަނީ ފުރަތަމަ ފްލައިޓްގެ ޙައްޖުވެރިންގެ ބައޯމެޓްރިކްސްގެ ކަންކަން ފުރިހަމަކޮށް، ކާޑު ހަވާލުކުރަމުންނެވެ.
ހައްޖުވެރިންނަށް ހަވާލުކުރެވޭ ނުސުކް ކާޑަކީ ޙާޖީން ހުރިހާ ވަގުތެއްގައި ގެންގުޅެންޖެހޭ ކާޑެކެވެ. މި ކާޑާ ނުލާ ޙައްޖުގެ އެއްވެސް މަޝާއިރެއްގައި ބައިވެރިއެއް ނުވެވޭނެއެވެ. އަހަރުން އަހަރަށް ސަޢުދީން އަންނަނީ ޙައްޖުގެ ނިޒާމު ޑިޖިޓަލައިޒްކޮށް ޚިދުމަތްތައް ހަރުދަނާކުރަމުންނެވެ. މިއިން ކޮންމެ ފިޔަވަޅަކީ ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ކޮންމެ ޙައްޖުވެރިއަކީވެސް ސަޢުދީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް އެންމެ އެކަށީގެންވާ ޚިދުމަތްތައް ކަށަވަރުވެފައިވާ ޙާޖީއެއްކަން ކަށަވަރުކުރުމެވެ.
ނުސުކް ކާޑުގައި ޙައްޖުގެ ރަސްމީ އެންމެހާ ހުއްދަތަކާއި ބެހޭ މައުލޫމާތު ހިމެނިފައިވާނެއެވެ. އަދި ޙައްޖުގެ ހުރިހާ މަޝާއިރުތަކުގައި ހިމެނޭ ކޮންމެ ތަނަކަށްދާއިރުވެސް، މި ކާޑު ޙައްޖުވެރިންގެ އަތުގައި އޮތްތޯ، ސަޢުދީގެ ޙައްޖު މިނިސްޓްރީ އާއި ކަމާގުޅޭ އެންމެހާ އިދާރާތަކުން ބަލާނެއެވެ. މިއީ އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު، ހުއްދަ އޮތްތޯ ބެލުމަށް ވެހިކަލް ޗެކްޕޮއިންޓްތަކުންވެސް ޗެކް ކުރާނެ ކާޑެވެ. ޙައްޖުވެރިޔާގެ ބަޔޯމެޓްރިކްސްއާއި ނަމާއި ޤައުމާއި ވިސާގެ މަޢުލޫމާތާއި ޙައްޖުގެ ހުއްދަތަކާއި އަދި ޙައްޖުވެރިއާއަށް މައްކާގައި ޚިދުމަތްދޭ އެޖެންޓުގެ މަޢުލޫމާތުތައްވެސް މި ކާޑުގައި ހުންނާނެއެވެ. އަދި ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ، މުޢާމަލާތްކުރަންޖެހޭ ކަމާގުޅޭ ފަރާތްތަކުގެ މަޢުލޫމާތާއި ނަންބަރުތައްވެސް މި ކާޑުގައި ހުންނާނެއެވެ. ދަތުރުފަތުރާއި ޙައްޖުވެރިޔާގެ ޞިއްޙީ މަޢުލޫމާތުތައްވެސް ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ