މި ސަރުކާރުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ އާބަން ސަރަހައްދުތައް ތަރައްގީކުރުމަށް 20 އަކަށް އަހަރު ނަގާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހަކީ ކުދިކުދި ރަށްރަށުގައި ކުދިކުދި އާބާދީ ދިރިއުޅުން ކަމަށްވާތީ, ހަތް ސަރަހައްދަކަށް ބަހާލައިގެން އާބަން ސެންޓަރުތައް ހަދައި, އެ ތަންތަނަށް މީހުން އެއްފަސްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.
އެގޮތުން އާބަން ސެންޓަރުތަކުގައި 10,000 މީހުންގެ އާބާދީއެއް ދިރިއުޅެވޭނެ ފެންވަރަށް އެ ތަންތަން ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމަށް މި ސަރުކާރުން ވަނީ 2024 ނޮވެންބަރުގައި އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް އާންމުކޮށްފަ އެވެ.
އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރު, ބ. އޭދަފުށި, ޅ. ނައިފަރު, އދ. މަހިބަދޫ, ފ. ނިލަންދޫ, ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ އެވެ.
އޭގެ އިތުރުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ހިމެނޭހެން, އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ސަދަން އިންޓްގްރޭޓެޑް ޒޯނެއް ތަރައްގީކުރުމަކީވެސް މި ސަރުކާރުގެ ސިޔާސަތެކެވެ.
މުންދު މިއަދު ބޭއްވި ހަފުތާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ, އާބަން ސެންޓަރުތަކަކީ މެދު އަދި ދުރު ރާސްތާގެ ތަސައްވަރުގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ދައުރު ނިމެންވާއިރަށް, އެންމެ ހިތްހަމަޖެހޭ ވަރަށް އާބަން ސެންޓަރުތައް ތަރައްގީކުރުމާ ގުޅޭ ހުރިހާ ކަމެއް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
”އެއީ މިސާލަކަށް ތަނެއް ހިއްކުން ކަހަލަ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މިސާލަކަށް އަޅުގަނޑުމެންނަށް ފެންނަ ހުޅުމާލެ ފޭސް 1, އެންމެންނަށް ހިތްގައިމުވަރަށް އެތަނުގެ ހިދުމަތްތައް, އަދި ފޭސް 2ވެސް ހިމެނޭ ގޮތަށް ރައްޔިތުންނަށް އެތަނުގެ ހިދުމަތްތައް ލިބި, އެތަނުގެ ފުރިހަމަ ބޭނުންހިފަން ނެގި ދެއްތޯ 15, 20 އަކަށް އަހަރު. އެންމެ ފަހުން ބްރިޖެއް އެޅި, މިހާރު ފަސޭހައިން ދަތުރުފަތުރުކުރެވި ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައިމަ ދެއްތޯ އަޅުގަނޑުމެންނަށް ބުނެވެނީ މިހާރު މިއޮތީ މިކަން ނިމިފައޭ. އެހެންތަނަކާ މެދު ވިސްނަންވީއޭ. އެފަދަ ކަމެއް މިއީވެސް,“ މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އެ ތަންތަން ތަރައްގީކުރާއިރު ހިދުމަތްތަކާއި ރައްޔިތުންގެ ވިސްނުން ވެސް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އެ ހަބްތަކުގައި އިގުތިސާދީ ފުރުސަތުތަކެއް ލިބުން މުހިންމު ކަމަށްވާތީ, ފަތުރުވެރިކަމުގެ ދާއިރާއިން ރަށްތަކާއި ފަޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޒޯންތަކަށް ބަހާލައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އާބަން ސެންޓަރުތައް ހެދުމަކީ ތަނެއް ހިއްކުން ކަހަލަ ކަމެއް, 20 އަކަށް އަހަރު ނަގާނެ: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ