ރައީސް ސޯލިހު ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 އަށްވުރެ ގިނަ ވޯޓެވެ.
މުއިއްޒަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ދެންމެ ކުރެއްވި ޓުވީޓުގައި ވަނީ، އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށް ޝުކުރު ދަންނަވައިފަ އެވެ.
އަދި އެކުގައި މަސައްކަތް ކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށާއި އެ މަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައިވެ އެވެ.
ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެއްވުމަށްފަހު މުއިއްޒު މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ