ނިއުކާސަލުން ސިޓީ ކަޓުވާލައިފި

އިނގިރޭސި ލީގް ކަޕްގެ ތިންވަނަ ބުރުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ. ރޭ ނިއުކާސަލުން ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއިން ސިޓީ ބަލިކޮށްފައެވެ.
މި މެޗަށް ނިއުކާސަލްއާއި ސިޓީން ވެސް ނުކުމެފައި ވަނީ އާންމުކޮށް ފުރަތަމަ އެގާރާގައި ހިމަނާ ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން ސިޓީން ނެރުނު ފުރަތަމަ އެގާރާގައި ހާލަންޑް ވެސް ހިމަނާފައި ނުވެއެވެ.
ނިއުކާސަލްއަކީ މިދިޔަ ސީޒަންގެ ލީގް ކަޕްގެ ރަނަރަޕް ޓީމެވެ. ފައިނަލުގައި ނިއުކާސަލް ބަލިކޮށް މިދިޔަ ސީޒަންގައި ލީގް ކަޕް ކާމިޔާބު ކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.
ރޭ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު 54 ވަނަ މިނެޓުގައި ޖޮއެލިންޓަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އެލެކްސެންޑާ އިސަކްއެވެ. މިއީ އިސަކް މި ސީޒަންގައި ނިއުކާސަލަށް ޖަހައިދިން ހަތަރުވަނަ ލަނޑެވެ.
ރޭ މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ދެ ފުރުޞަތެއް ވަނީ ސިޓީގެ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް އަށް ލިބިފައެވެ. އޭނާ ފޮނުވާލި ދެ ހަމަކާވެސް ނިއުކާސަލްގެ ކީޕަރު ވަނީ ހުއްޓުވާފައެވެ.
މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ސިޓީގެ ރިކޯ ލެވިސްއަށް ވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ