ޑރ. ކަލާމް އަވަހާރަވުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ގެއްލުމެއް: މައުމޫން

އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލް ކަލާމް އަވަހާރަވުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކަލާމަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވި ބަޔާނުގައެވެ. ރައީސް މައުމޫން އިއްޔެ ލިޔުއްވާފައި ވަނީ ކަލާމްގެ ހިކުމަތްތެރިކަމުން ރައީސް މައުމޫނަށް މަންފާ ލިބިވަޑައިގެންނެވި ކަމަށެވެ.
އެމަނިކުފާނުގެ ބަޔާން ނިންމަވާލެއްވީ ކަލާމްގެ އާއިލާއަށާއި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވަމުންނެވެ. އަދި ކަލާމްގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.
ކަލާމް އަވަހާރަވުމާ ގުޅިގެން މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވުމަށް މައުމޫން އިންޑިއަން ހައިކޮމިޝަނަށް އިއްޔެ ވަޑައިގަތުމުން ހައިކޮމިޝަނަރ މިސްޓަރ ރަޖީވް ޝަހާރޭއާއި ހައިކޮމިޝަންގެ އިސްބޭފުޅުން ރައީސް މައުމޫނަށް މަރުހަބާ ވިދާޅުވިއެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ކިޔާ ރަށެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައިވިދާޅުވީ ފިޒިކްސްއާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އެމަނިކުފާނު މަސައްކަތް ކުރެއްވީ ސައިންޓިސްޓެއްގެ ގޮތުގައި އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައެވެ. އެމަނިކުފާނު ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެއެވެ.
އުމުރުފުޅުން 83 އަހަރުގައި ޑރ. އަބްދުލް ކަލާމް އަވަހާރަވީ މިދިޔަ ހޯމަ ދުވަހު މެހާލަޔާގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގައި ތަގުރީރެއް ދެއްވަން ހުންނަވަނިކޮށް ސްޓޭޖު މައްޗަށް ވެއްޓިވަޑައިގަތުމުން ބެތާނީ ހޮސްޕިޓަަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިސައިލް މޭންގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ އަބްދުލް ކަލާމަކީ އިންޑިއާގެ 11 ވަނަ ރައީސެވެ. އެމަނިކުފާނު އިންޑިއާގެ ރައީސްކަން ކުރައްވާފައިވަނީ 2002 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ