0-1 ގެ ނަތީޖާއަކުން މާޒިޔާގެ މައްޗަށް ކުރި ހޯދާ ނިއުރޭޑިއަންޓުން ލީގުގެ ދެވަނަ ބުރު މޮޅަކުން ފަށައިފި އެވެ.
މި މޮޅާއެކު ނިއު ވަނީ 21 ޕޮއިންޓާއެކީ ލީގުގެ އެއްވަނަ މަގާމަށް އަނެއްކާވެސް އަރާފަ އެވެ. މާޒިޔާ އޮތީ 19 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގަ އެވެ.
މި ދެ ޓީމް ލީގުގެ ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗުން ކުރި ހޯދާ މާޒިޔާއިން ވަނީ ނިއުއިން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑަށް ނިމުން ގެނެސްފަ އެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ވަނީ ރަނގަޅު ކުޅުމެއްދައްކާ މާޒިޔާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފާ އެވެ. އެގޮތުން އެޓީމުގެ ފޯވާޑް މުހައްމަދު އުމެއިރު ކުރިއަށް ފޮނުވާލި ގޯލުގެ ކައިރިން ބޭރަށް ދިޔައިރު އެޓީމުގެ ބޭރު ފޯވާޑް ޑޭވިޑް ކުރިއަށް ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 30 ވަނަ މިނެޓްގައި ނިއުގެ ބޭރު ފޯވާޑް ޑޭވިޑަށް މާޒިޔާގެ ޑިފެންޑަރު ފަރުހާދު މާޒިޔާގެ ޕެނަލްޓީއޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ނިއުއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ނިއުގެ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ޑޭން މިލޮނޮވިޗް އެވެ.
މި ގޯލަށްފަހު ވެސް ނިއުއަށް ވަނީ ފުރަތަމަ ހާފްގައި ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެންގޮސްފަ އެވެ.
މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ މާޒިޔާއިންނެވެ. އެހެންނަމަވެސް މާޒިޔާގެ ހަމަލާތަށް ދިފާއުކުރުމުގައި ނިއުގެ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މެޗުގެ 67 ވަނަ މިނެޓްގައި މާޒިޔާގެ އަހުމަދު ނާޝިދު (ނައްޓޭ) އަށް ބޯޅަ ނެތީސް ފައުލްކުރުމާ ގުޅިގެން ރެފްރީ ނިއުގެ ފުލްބެކް މުހައްމަދު ރަޝީދު (ހޮކޭ) އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މީގެއިތުރުން މެޗުގެ އެންމެ ފަހު މިނެޓްގައި މާޒިޔާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ނިއުގެ މިޑްފިލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އަށް ވެސް ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ލީގުގައި މިރޭ ވެސް ވަނީ މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ އާއި އީގަލްސް އެވެ.
މި މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.
މާޒިޔާގެ މައްޗަށް ކުރި ހޯދާ މޮޅަކުން ދެވަނަ ބުރު ނިއުއިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ