ފުރަތަމަ މައިލޯ އިންޓަ ކޮލެޖް އަދި ހައި ސުކޫލް ހޭންޑްބޯލް މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ސައިރިކްސް ކޮލެޖު ހޯދައިފި އެވެ.
އެކުވެނި ފުޓްސަލް ގުރައުންޑްގައި ކުރިއަށްދިޔަ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފިރިހެންގެ ބައިގެ ފައިނަލުގެ ޗެމްޕިއަންކަން ސައިރިކްސް ކޮލެޖުން ހޯދީ މައި ކޮލެޖާ ބައްދަލުކޮށް 12 ލަނޑު 5 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސައިރިކްސް ކޮލެޖްގެ ޖާޒީ ނަންބަރ 37 އަހުމަދު ރަޒުނީ އެވެ.
މި މުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ ސައިރިކްސް ކޮލެޖްގެ އިބްރާހިމް އަންފައު، ނާބިތް އިބްރާހިމް، ސައުޝާދު ޒަމީރު އާއި އަހުމަދު ރަޒުނީގެ އިތުރުން މައި ކޮލެޖްގެ ޝައްމޫން ނިޒްލީލް އާއި ހަސަން ހައިޝަން އަދި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލްގެ އަލީ އުސާމަތް އެވެ.
އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ސައިރިކްސް ކޮލެޖްގެ އަހުމަދު ރަޒުނީ އަށް ވަނީ ގައުމީ ހޭންޑްބޯލް ޓީމް އިން ޖާގަ ލިބިފައެވެ.
މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ސައިރިކް ކޮލެޖް ހޯދީ ފައިނަލުގައި މައި ކޮލެޖާއި ވާދަކޮށް 8 ލަނޑު 5 ލަނޑުން ނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސައިރިކްސް ކޮލެޖުގެ ޖާޒީ ނަންބަރ 17 މަރިޔަމް ޝާނާ މާޖިދް އެވެ.
އަންހެން ބައިގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވުނީ ސައިރިކްސް ކޮލެޖުގެ ފާތުމަތު ނަޒީފާ އަހުމަދު، ހައްވާ ރިޔުޝާ އާއި މަރިޔަމް ޝާނާ މާޖިދްގެ އިތުރުން ވިލާ ކޮލެޖްގެ ހައްވާ މުޒުނާ އާއި އާމިނަތު ޝިރާން އަދި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލްގެ އާލިމާ އިބްރާހިމް އާއި މައި ކޮލެޖްގެ މަރިޔަމް މަނާލް އެވެ.
މި މުބާރާތުގައި ޖުމްލަ ތިން ކޮލެޖަކާއި އެއް ހައި ސުކޫލް ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތުގައި ބައިވެރިވި ކޮލެޖް ތަކަކީ ވިލާ ކޮލެޖް، މައި ކޮލެޖް އަދި ސައިރިކްސް ކޮލެޖެވެ. މީގެ ތެރެއިން ވިލާ ކޮލެޖުން ބައިވެރިވީ ހަމަ އެކަނި އަންހެން ބައިގަ އެވެ. މި މުބާރާތުގައި ބައިވެރިވި ހަމަ އެކަނި ހައި ސުކޫލަކީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލް އެވެ.
އިންޓަރ ކޮލެޖް އަދި ހައި ސްކޫލް ހޭންޑްބޯލް ޗެމްޕިއަންކަން ސައިރިކްސް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ