މިހާރު ފެންނަނީ ބަރުލަމާނީ ނިޒާމާ އެއްގޮތް ސިފަތަކެއް- މައުމޫން
މިހާރު ފެންނަމުން ދަނީ ބަރުލަމާނީ ވެރިކަމެއްގެ ސިފަތަކާ އެއްގޮތް ސިފަ ތަކެއް ކަމަށް ސަރުކާރު ކޯލިޝަންގެ ބައިވެރިޔާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ބަރުލަމާނީ ނިޒާމަކީ އެނިޒާމެއްގައި ސަރުކާރު ހިންގާ އެންމެ އިސްފަރާތް ކަމުގައިވާ ބޮޑުވަޒީރާއި، ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާއި އެކުވެ މަސްހުނިވެގެން އުފެދޭ ވެރިކަމުގެ ނިޒާމަށް ކިޔާ ނަމެކެވެ. މިނިޒާމުގެ ތެރެއިން އުފެދިގެންއަންނަ ސަރުކާރަށް ކެބިނެޓް ސަރުކާރު ނުވަތަ ބޮޑުވަޒީރު ސަރުކާރޭ ވެސް ކިޔައެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ދެމަސް ފަހުންވެސް ވެރިޔަކަށް ހުންނަ މީހާ އިސްތިއުފާ ދެއްވަން ޖެހިދާނެ ކަމަށެވެ. މައުމޫން ވިދާޅުވީ ރާއްޖޭގައި އޮންނަ ނިޒާމު ބަރުލަމާނީ ނިޒާމަކާ ވައްތަރު ވަނީ ކަންކަން ހިނގަމުން އަންނަ ގޮތުން ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު ވަރަށް ގަދަ ކަމަށާއި، ނަޝީދު މަސައްކަތް ކުރައްވަނީ މަޖިލީހުގައި ވަކި ސަރުކާރެއް ހައްދަވައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ރައީސް ނަޝީދު ވަނީ ރާއްޖެއަށް އެންމެ ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ނަޝީދު ބޭނުންފުޅު ވަނީ ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ކަަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ