ލިވަޕޫލް އާއި ޗެލްސީގެ މެޗު އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
ލިވޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ފަށައިގެން ލިވަޕޫލް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ މެޗުގެ 6 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރަޔާން ގްރަވެންބަރޗް އެވެ.
މެޗުގެ ފުރަތަމަ ފަނަރަވަރަކަށް މިނިޓަށްފަހު ޗެލްސީ އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. އަދި ލަނޑު ޖަހާނެ އެތަނެއް ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފަ އެވެ.
ޗެލްސީ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 35 ވަނަ މިނިޓުގައި ޕެނަލްޓީ އޭރިޔާ ބޭރުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކީ އެންޒޯ ފެނާންޑޭޒް އެވެ.
ޗެލްސީގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެހުރި ކަލަމް މެކްފަރލޭން ވަނީ ޗެލްސީގެ ޓީމަށް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މި މެޗުގައި އެންމެ ބޮޑަށް ފާހަގަ ކުރެވިގެންދިޔައީ އާންމުކޮށް ފަހަތަށް ކުޅޭ ކުކުރެޔާ އަރިމަތިން ކުރިއަށް ކުޅެމުންދިޔަ ތަނެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޗެލްސީ އަށް ވަނީ ލީޑު ނެގުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭރިޔާ ތެރެއިން އެންޒޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ލިވަޕޫލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ޗެލްސީގެ ކޯލް ޕާމާ ދެވަނަ ހާފުގައި ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ޖެހިއިރު ކުކުރެއާ އޮފްސައިޑް ވެފައިވާކަމަށް ނިންމާ އެއީ ގޯލެއް ނޫން ކަމަށް ނިންމާފަ އެވެ.
މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. އެހެންކަމުން ޗެމްޕިއަންސް ލީގުގެ ފުރުސަތު އެ ޓީމަށް ބޮޑެވެ.
ނަމަވެސް ޗެލްސީ އަށް 36 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ. ލީގުގައި ޖެހިޖެހިގެން މެޗަކުން މޮޅުނުވެ 6 މެޗު ކުޅުމަށްފަހު ޗެލްސީ އަށް ވަނީ ޕޮއިންޓެއް މި މެޗުން ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ