އައިލެންޑް ރަނަރސް، ތަށި ދިފާއުކޮށްފި

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ އަހަރު އައިލެންޑް ރަނަރސް މޯލްޑިވްސްއިން ހޯދައިފިއެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭހެން އައިލެންޑް ރަނަރސް އިން ވަނީ ޖުމްލަ 97 މެޑަލް ހޯދާފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނަށް ބަލާއިރު، އައިލެންޑް ރަނަރސް އިން ވަނީ ޖުމްލަ 51 މެޑަލް ހޯދާފައެވެ. އެއީ، 25 ރަން މެޑަލް، 18 ރިހި މެޑަލް އަދި 8 ލޯ މެޑަލްއެވެ. ޖުމްލަ 43 މެޑަލާއި އެކު މި ޑިވިޝަންގެ 2 ވަނަ ހޯދާފައިވަނީ ސްރީލަންކާ އިންނެވެ. އެޓީމުން ވަނީ 21 ރަން މެޑަލް، 16 ރިހި މެޑަލް އަދި 6 ލޯ މެޑަލް ހޯދާފައެވެ. އަދި ޖުމްލަ 10 މެޑަލް އާއެކު ފިރިހެން ޑިވިޝަންގެ 3 ވަނަ ހޯދާފައިވަނީ އަނާކީ ސްޕޯޓްސް އިންނެވެ. އެޓީމުން ވަނީ 6 ރަން މެޑަލް، 1 ރިހި މެޑަލް އަދި 3 ލޯ މެޑަލް ހޯދާފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ އައިލެންޑް ރަނަރސް އިންނެވެ. އެގޮތުން އަންހެން ޑިވިޝަނުގައި އެޓީމުން ވަނީ 24 ރަން މެޑަލް، 16 ރިހި މެޑަލް އަދި 6 ލޯ މެޑަލް ހިމެނޭހެން ޖުމްލަ 46 މެޑަލް ހޯދާފައެވެ. ޖުމްލަ 33 މެޑަލާއި އެކު އަންހެން ޑިވިޝަންގެ 2 ވަނަ ހޯދާފައިވަނީ ރަނިންގމޯޑް އިންނެވެ. އެޓީމުން ވަނީ 14 ރަން މެޑަލް، 8 ރިހި މެޑަލް އަދި 11 ލޯ މެޑަލް ހޯދާފައެވެ. އަންހެން ޑިވިޝަންގެ ތިންވަނަ ހޯދީ ޖުމްލަ 15 މެޑަލް ހޯދި ސްރީލަންކާ އިންނެވެ. ލަންކާ ޓީމުން ވަނީ 10 ރަން މެޑަލްގެ އިތުރުން 5 ރިހި މެޑަލް ހޯދާފައެވެ.
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 8 އުމުރުފުރާއަކަށް ބަހާލައިގެން 11 އިވެންޓެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން، މިއަހަރު މުބާރާތުގައި އެތުލީޓުން ބައިވެރިވެފައިވާ އުމުރުފުރާތަކަކީ 35 އަހަރުންމަތި، 40 އަހަރުންމަތި، 45 އަހަރުންމަތި، 50 އަހަރުންމަތި، 55 އަހަރުންމަތި، 65 އަހަރުންމަތި 65 އަހަރުންމަތީގެ އުމުރުފުރާ އަދި 70 އަހަރުންމަތީގެ އުމުރުފުރާއެވެ.
އަދި، މިއަހަރު ކުރިއަށް ގެންގޮސްފައިވާ އިވެންޓުތަކަކީ: 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 4×400 މީޓަރު (ރިލޭ) 4×100 މީޓަރު (ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯ އަދި ޖެވަލިން ތްރޯއެވެ.
މުބާރާތް ނިންމާލުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާޙަކަދައްކަމުން، ލަންކާ ޓީމުން ވަނީ މުބާރާތުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކޮށް، އަންނަ އަހަރުގެ އިވެންޓަށްވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މީގެ އިތުރުން، މާސްޓަރސް އެތުލެޓިކްސްގެ ނައިބު ރައީސް މުޙައްމަދު ޢާމިރު ވަނީ، މުބާރާތް ކުރިއަށް ގޮސްފައި ވަނީ ވަރަށްވެސް އޮމާންކޮށްކަން ފާހަގަކުރައްވާ، މުބާރާތް ހިންގުމުގައި އެހީވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މުބާރާތް އިތުރަށް ފުރިހަމަކަންވެސް ޢާމިރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ