ބްރެންޓްފޯޑް ބަލިކޮށް ސިޓީ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އާސެނަލް އާއި ދެމެދުވާ ފަރަގު 2 ޕޮއިންޓަށް ކުޑަކޮށްފި އެވެ.
މި މެޗުން ސިޓީ މޮޅުވެ އެ ޓީމަށް ލިބުނު ތިން ޕޮއިންޓާއެކު ވަނީ ޖުމްލަ 74 ޕޮއިންޓް ހޯދާފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް 35 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ.
ނަމަވެސް މިއަދު ރެލިގޭޝަނުގެ ބިރު ހީވެފައިވާ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ އަނެއްކާވެސް އެ ޓީމަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗަށް ޕެޕް ގަޑިއޯލާގެ ޓީމު ނިކުތްއިރު އެންމެ ފަހުން އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވާތީ މި މެޗުން ތިން ޕޮއިންޓު ހޯދުމަކީ ލީގު ހޯދުމުގެ ރޭހުގައި ސިޓީއަށް މަޖުބޫރުވެފަ އޮތް ކަމެކެވެ.
މެންޗެސްޓަރ ސިޓީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައިނުވި ނަމަވެސް އެ ޓީމުން ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ މެޗުގެ 60 ވަނަ މިނިޓުގައި އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ތިޖާނީ ރޭންޑާރސް އާއި ރަޔާން ޗާރކީގެ ބަދަލުގައި ފިލް ފޯޑެން އާއި އުމަރު މަރްމޫޝް ވަނީ ކުޅެން އަރުވާފަ އެވެ.
ސިޓީ އިން ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މި ބަދަލުތައް ގެނައިތާ މިނިޓެއްވެސް ނުވަނީސް އެވެ. ސިޓީ އަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖެރެމީ ޑޯކޫ އެވެ.
މި މެޗުގައި ސިޓީ އިން ޖެހި ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިންއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ހާލަންޑްގެ އެސިސްޓަކުން އުމަރު މަރްމޫޝް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ