ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ސިޔާމް
ކުޑަކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށްދީ، އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާތަކުން ސަލާމަތްކުރުމަށް މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް, މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ. ދ. މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސިޔާމް, މިކަމަށް ގޮވާލައްވާފައިވަނީ، ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ. އެމަނިކުފާންގެ މި ބަޔާނުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ފަރުދީ އަދި ޖަމާޢީ ޒިންމާއެއްގެ ގޮތުގައި ދެކި، އެކަމަށް ޢަމަލީ ސިފަ ގެނައުމުގެ މައްޗަށެވެ. ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ތަފާތު އެކި ބާވަތުގެ އަނިޔާތަކާއި، ކުދިންނާ ދެކޮޅަށް ހިންގާ ކުށްތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި، އެކަމާ މެދު ސިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، މައިންބަފައިންނާއި، އަދި މުޅި މުޖުތަމަޢު އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވެވިއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ސިޔާމް ވަނީ ގޮވާލައްވައިފައެވެ. ކުޑަކުދިންނަށް އިހުމާލުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި، އެފަދަ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެއްވެސް ދުލެއް ނުދިނުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވާފައެވެ. ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ބިނާކުރާނެ ޖީލުކަން ފާހަގަކުރައްވައި، އެ ކުދިންނަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކުރެވޭ ބަޔަކަށް ހެދުމުގެ މުހިންމުކަންވެސް ސިޔާމް ފާހަގަ ކުރެއްވެވިއެވެ. ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އެ ކުދިންގެ މައިންބަފައިންނަށް އަރިސްކުރައްވަމުން، ސިޔާމް ނިންމަވާލައްވާފައިވަނީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ