ބަނޑޭރި ކޮށީގައި ހައުސިންގ މަޝްރޫއެއް ފަށަނީ

ދިވެހި ސިފައިންނާއި، ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ބަނޑޭރިކޮށި ހިމެނޭ ސަރަހައްދުގައި ވަރަށް އަވަހަށް ހައުސިން މަޝްރޫއުއެއް ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން، ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ކޮންމެހެން ލިބެންޖެހޭ ހައްގެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ވެސް ސިފައިންނަށް ވަކި އަދަދަކަށް ފްލެޓު ކަނޑައެޅީ އެ މަގްސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިހާރު ވެސް ސިފައިންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރި ކޮށި އިތުރަށް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ. ބަނޑޭރި ކޮއްޓަކީ ސިފައިންގޭގައި ދެމިތިބިހާ ހިނދަކު ވަކި ސިޔާސަތެއްގެ ދަށުން އެ މީހުންގެ އާއިލާތަކަށް ދޫކޮށްފައިވާ ތަނެކެވެ. އެކަމަކު އެތަނަށް އަޅާނުލާ އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށާއި އެތަނުގެ ބޭނުން ހިފާ ސިފައިންގެ އާއިލާތައް ވެސް މަދުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެތަނުގައި ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާނުކުރައްވާ ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
"އެހެންވީމަ ބަނޑޭރި ކޮށި މުޅި ސަރަހައްދު އެއްކޮށް ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގައި އެތަނުގައި އަޅުގަނޑު މި އުއްމީދުކުރެވެނީ އެތަނުގައި ކުރެވޭ މަސައްކަތުގެ އަމަލީ ސްޓޭޖަކަށް މި އަހަރު ތެރޭގައި ގެންދެވޭނެ ކަމަށް،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫއު ފެށުމަށް މިވަގުތު ބަނޑޭރި ކޮށީގައި ދިރިއުޅޭ ސިފައިން އެހެން ތަނަކަށް ވަގުތީގޮތުން ބަދަލުކުރެވޭނެކަމަށާއި، އެމަނިކުފާނުގެ އަޒުމަކީ، ސިފައިނާއި ފުލުހުންން އަދި މިޚިދުމަތުގައި މަސައްކަތައްކުރައްވާ މުވައްޒިފުންގެ އާއިލާތަކަށް އޭގެ ނަފާ ލިބޭގޮތަށް ބޮޑު ހައުސިންގ ޕްރޮޖެކްޓެއް ފެށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ