ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދަން ރާވާފައިވާ ހާއްސަ މިޝަނެއްގައި ބައިވެރިވުމަށް ތައްޔާރުވުމުގެ ގޮތުން، އިނގިރޭސިވިލާތުގެ މަނަވަރެއް ކަމަށްވާ 'އެޗްއެމްއެސް ޑްރެގަން' މެދުއިރުމައްޗަށް ފޮނުވައިފި އެވެ.
އިނގިރޭސި ދިފާއީ ވުޒާރާއިން އިއްޔެ ބުނި ގޮތުގައި، މިއީ އެ ސަރަހައްދުގެ މަސްރަހު ހަމައަކަށް އެޅުމުން އިނގިރޭސިވިލާތާއި ފްރާންސް އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ދަށުން މަސައްކަތް ކުރުމަށްޓަކައި ކުރިއާލާ ރާވާފައިވާ ރޭވުމެކެވެ.
"އެޗްއެމްއެސް ޑްރެގަން ކުރިއާލާ އެ ސަރަހައްދަށް ފޮނުވުމަކީ، މަސްރަހު ތަންދޭ މިންވަރަކުން ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިނގިރޭސިވިލާތް ތައްޔާރަށް އޮތްކަން ކަށަވަރުކުރުމަށްޓަކައި އެޅި ހަރުދަނާ ފިޔަވަޅެއް،" ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި އެވެ.
ވައިގެ ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރާ މި މަނަވަރު، މާޗު މަހުން ފެށިގެން ހަރަކާތްތެރިވަމުން ދިޔައީ މެދުތެރޭ ކަނޑުގެ އިރުމަތީ ބިތުގައި ސައިޕްރަސްގެ ދިފާއީ ކަންކަމުގަ އެވެ. މިއީ އީރާނާ ގުޅުންހުރި ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ މަނަވަރެކެވެ.
އިނގިރޭސިވިލާތުން މި ފިޔަވަޅު އަޅާފައި މިވަނީ، ފްރާންސުން ވެސް އެ ގައުމުގެ މަނަވަރުތަކެއް ރަތްކަނޑުގެ ދެކުނު ސަރަހައްދަށް ފޮނުވާފައި ވަނިކޮށެވެ. ދުނިޔޭގެ ހަކަތައިގެ މުހިންމު މަގަކަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި، އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެހެންކަމުން، އެ ސަރަހައްދުގެ ސަލާމަތީ އިތުބާރު އަލުން ގާއިމުކުރުމަށް ލަންޑަނާއި ޕެރިހުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ކަމާބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި މިޝަން ކުރިއަށް ގެންދެވޭނީ އީރާނާ ގުޅިގެންނެވެ. އަދި މިހާތަނަށް ގާތްގަނޑަކަށް 12 ގައުމަކުން މި މަސައްކަތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އިނގިރޭސިވިލާތުން ބުނާ ގޮތުގައި، ފާއިތުވި އަހަރުތަކުގައި އެ ގައުމުގެ ކަނޑުގެ ސިފައިންގެ ފްލީޓް ކުޑަކޮށްފައިވާތީ، ކުރިމަގުގައި ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި އެ ގައުމަށް ބައިވެރިވެވޭ މިންވަރު ވަކި ވަރެއްގައި ހިފެހެއްޓިދާނެ އެވެ.
އިނގިރޭސިވިލާތުން މެދުއިރުމައްޗަށް މަނަވަރެއް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ