(ބުދަ ދުވަހާ ގުޅޭ)
އެ ވަގުތު ގޭގެ ފާރުމަތިން ބޮލެއް ދިއްކޮށްލި ތަން އާދަނަށް ފެނުނެވެ. އާދަނު ބަލައިލުމާ އެކު ބޯ ތިރިވިއެވެ.
"ކޯޗެއް ތި ބަލަނީ؟" އާދަނު ބެލި ދިމާއަށް ބަލައިލާފައި ހަފީޒާ އެހިއެވެ.
އާދަނު ހީކުރީ އެއީ ކުށްހީއެއް ކަމަށެވެ. އެހެންކަމުން އެ ވާހަކައެއް ނުދައްކައެވެ.
"އަހަންނަކީ ފަގީރެއް،" ހަފީޒާ ކުރިން ކުރި ސުވާލަށް އާދަނު ޖަވާބު ދިނެވެ. "ދައްތައެއްގެ ގޭގަ މިހާރު ވެސް މި އުޅެނީ. މާދަމާ އުޅެން ޖެހޭނީ ކޮން ގެއެއްގަ ކަމެއް ވެސް ނޭނގެ. މި އުޅޭ ގެއަކީ މެހުމާންސަރާއެއް ކަހަލަ ތަނެއް. ރަށްރަށުން އައިސް އުޅޭ ވަރަށް ބައިވަރު މީހުން އެ ގޭގަ އުޅޭނެ. ފެންޑާގަ އެންމެން އެއްކޮށް ފަތްޖެހިއެނދު އަތުރައިގެން ނިދާނީ. އެ ތަނުން އެނދެއްގަ އަހަރެން ވެސް އޮންނަނީ. އެންމެން ވެސް ވަރަށް ރަނގަޅުވާނެ. ކުރީ ދުވަހަކު އެ ގޭ މީހެއްގެ ދޯނީގަ މަހަށް ވެސް ދިޔައީމޭ! ގޮސްގެން އުޅެނިކޮށޭ ބޯޓެއް ފެނިގެން ގޫޑުހަކުރު ލިބުނީ. އަހަންނޭ އެ ބޯޓު ހޯދީ."
ހަފީޒާ އެއްޗެއް ނުބުނެ އަޑުއަހަން އިނެވެ.
"އަހަރެންގެ ބައްޕައަކީ ވަރަށް ދަތިހާލުގަ އުޅޭ މީހެއް،" އާދަނު ކިޔައިދިނެވެ."އަންނައުނު ކީއްކުރަން ތިން އިރު ކާނެ އެއްޗެއް ވެސް ނުހުރޭ! މުޅި އެކު ދެ ހެދުން އަހަރެން އަތުގަ އޮންނާނީ. މި ކަހަލަ ދެ މުންޑާ، ހުދު ގަމީހަކާ، މަޑުނޫކުލައިގެ ގަމީހެއް. ދުރުން ބަލާ އިރު ހީވެދާނެ ހުދު ހެން. އެކަތި ލައިގެން ހުންނަ އިރު އަނެކަތި އޮންނާނީ ދޮވެފަ. ނުދޮވެވޭ ފަހަރު، އެއްކޮށް ދޮވެފަ ރޯނުގަ އަޅާލައިގެން، ހިކެންދެން ހުންނަނީ. ގިފިލި ވަރަށް ބޮޑުވާނެ. ހުންނާނެ ބޮޑުސިންގާ ހިކަނދިފަތް ގަހެއް. ބައެއް ފަހަރު ގަސްދޮށުގައި އިށީނދެލައިގެން ވެސް އިންނަން. ގަމީސް ހިކުނީމަ ލައިގެން ނުކުންނަނީ. މީ ހަގީގަތަކީ."
"އިސްތިރި ވެސް ނުކޮށްތަ ލަނީ؟" ހަފީޒާ އެހިއެވެ.
"އިސްތިރިކޮށް، ރާނބާފަތާ، މޫނިމަލާ، ލަންސިމުލާ، ހުވަނދުމާ އަޅާ ބޮކުސާއަށް ލުމުގެ ބޭނުމެއް އަހަންނަކަށް ނޯވޭ!" ހިތާމައާ އެކު އާދަނު ބުންޏެވެ. "ކޮން ތަނެއް ދާން އޮންނާނީ؟ ގިނަ ވަގުތު ފެންފަރުދާގޭގަ އުޅޭނީ. ދެކެމެއްނު! އަހަރެންގެ ގަމީހުން ނުބައިވަސް ދުވަނީތަ؟"
"ނުބައިވަހެއް ނުދުވާ! އަބަދު އެކައްޗެއް ލައިގެން ހުންނަ ހެން ހީވާތީ އަހާލީ." ހަފީޒާ ބުންޏެވެ.
އާދަނާއި ހަފީޒާ އަޅައިކިޔައިފި ނަމަ، ތަނަވަސްކަމުގެ ގޮތުން ބޮޑު ތަފާތެއް ހަފީޒާއަށް ފާހަގަކުރެވޭނެކަން އާދަނަށް އެނގެއެވެ. ކަލޭފާނަކީ، ސަރުކާރު ނައުފަހަރުތަކުގައި ބަންގާޅަށާއި އެތައް މިތަނަށް ދަތުރުކުރާ މީހެކެވެ. ކޮންމެ ދަތުރެއްގައި އެތައް ސާމާނެއް ގެއަށް ގެނެއެވެ. ގޭގައި ބޮޑު ފިހާރައެއް ހުރެއެވެ. ބުންބާމީހުންގެ ދިގުފިހާރައަކަށް ވެސް ކަލޭފާނުގެ ފިހާރައާ ވާދައެއް ނުކުރެވޭނެއެވެ. ނިދަން އޮވެގެން އާދަނު ވަރަށް ގިނަ ދިމަދިމާއަށް ފިކުރުހިންގިއެވެ. އާދަނަށް ހަފީޒާއާ އިނދެވޭނެ ހެއްޔެވެ؟ ޔަގީނުން ވެސް ހަފީޒާ ގެނެސް ވައްދާނެ ގެއެއް އާދަނުގެ ނެތެވެ. އޭގެ މާނައަކީ ފަގީރުން ލޯބި ނުވާންވީ ހެއްޔެވެ؟
އާދަނު ލައިގެން ހުރި ގަމީސް ބަދަލުކުރަން ބަލައިލި އިރު، ބޭލި ގަމީސް އޮތީ ނުދޮވެއެވެ. ވީމާ، ދެ ގަމީހާއި މުންޑު ދޮވުނެވެ. ރަނގަޅަށް ނުދޮވެވެނީސް ދަނޑިސައިބޯނިކޮޅު ހުސްވިއެވެ. ވީ ވަރެއް ކޮށްފައި އަންނައުނު ހިއްކަން އަޅާފައި ހިކަނދިފަތްގަހުގެ ހިޔަލުގައި އިށީނދެލި ތަނައި ނިދުނެވެ. ހުވަފެނުން ފެނުނީ ހުރަގޭގައި އާދަނު އަނދަގޮނޑިޖަހާފައި އިންދައެވެ. އެ ފަހަރު، ކުރިން ނުފެންނަ ތަންކޮޅެއް ވެސް ފެނުނެވެ. ހަފީޒާ ހުރަގެއަށް ވަން ތަނެވެ. އޭނަ ހުރީ ވަރުގެކޮޅަށް ނަލަ ހެދިގެންނެވެ. ހީވަނީ ހަފުލާއަކުން ނުކުމެގެން އައި ހެންނެވެ. އޭނަ އައިސް އާދަނާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އާދަނަށް އެހީވާކަށް، އަނދަގޮނޑިން ނަގާކަށް ވެސް ނޫޅެއެވެ. ދެން ފެނުނީ ހަމީދު ވަދެވަޑައިގަތް ތަނެވެ. އަތްޕުޅުގައި ސިޓީއުރައެއް އޮތެވެ. އާދަނުގެ ހިތް ބުންޏެވެ. ހަފީޒާ އާއި ހަމީދު ކައިވެނި ކުރީއެވެ. އެ މީހުން އައީ ކައިވެނީގެ ހަފުލާއިންނެވެ. ހަމީދު ވަޑައިގެން އާދަނު ގާތަށް ހުއްޓިވަޑައިގެންފައި ސިޓީއުރައިން ކަރުދާސްގަނޑެއް ނަންގަވައި ދައްކައިލެއްވިއެވެ.
"ކައިވެނީގެ ސެޓުފިކެޓު އާދަނަށް ދައްކާލަން މި އައީ." ހަމީދު ވިދާޅުވިއެވެ.
ސިއްސައިގެން ގޮސް އާދަނަށް ހޭލެވުނެވެ. އޭރު އަދި ގަމީސް ރަނގަޅަކަށް ނުހިކެއެވެ. އެހެނަސް ގަމީސް ލައިގެން އާދަނު ގިފިލިން ނުކުތެވެ. އާދަނު ލައިގެން ހުރި ގަމީހަކީ، ފަތިން ގޮސްގެން ދެ ތަނަކުން ފަހާފައިވާ ގަމީހެކެވެ. ތިންވަނަ ތަނެއް ފަތިންގޮސްފައިވާ ތަން ފެނުނެވެ. ފަހާމީހެއް ގާތަށް ދާން އާދަނު ބޭނުންވާ އިރު، ހައިހޫނުކަން ފިލުވަން ވެސް އާދަނު ބޭނުމެވެ.
ހުކުރުމިސްކިތުގެ ދޮރާށްޓެއް، އަމީރު އަޙްމަދު މަގަށް ހުރެއެވެ. އެ ދޮރާށި ކުރިމަތީގައި ތުއްތަނިކުގެ "ބުލެކު ޓީ" ސައިހޮޓާ ހުރެއެވެ. އެއީ މީހުން ގަޔާވާ، ދިހަ ވަރަކަށް މީހުންގެ ޖާގަ އޮންނަ ތަނެކެވެ. ތުއްތަނިކާއި އާދަނުގެ މެދުގައި އޮންނަ އެކުވެރިކަމެއްގެ ސަބަބުން، ތުއްތަނިކަށް އަތްގާތްކޮށްލަދޭން އާދަނު ސައިހޮޓަލަށް އައިސް އުޅެނީއެވެ. އާދަނުގެ ތެދުވެރިކަމާއި ހީވާގިކަމަކީ ތުއްތަނިކު ވަރަށް ގަޔާވާ ދެ ސިފައެވެ. ދެ މީހުންގެ އެކުވެރިކަން ގުޅިފައިވާ ފަލަ ވަލަކީ ވެސް އެއީއެވެ. އާދަނަށް އޮންނަ ފައިދާއަކީ އެ ތަނުން ލިބޭ ސަޔެވެ.
ދޮންނަން ހުރި ތަށިތައް ދޮވެލުމަށް ފަހު، ސައިތަށި ހިފައިގެން އާދަނު އިށީނެވެ. އަވިބާރު ނަމަވެސް ރޯޅި ހެޔޮ ދުވަހެކެވެ. ފާރޮށި ޖޯޑުގެ މަތީ ކިބަ، ހޫނު ކަޅުސައިތަށްޓަށް ކޮއްޕާލި ވަގުތު ތުއްތަނިކު އައިސް ގާތުގައި އިށީނެވެ. ފާރޮށީގެ ދަށުކިބަ އޮތް ތަށީގައި ބޮޑުބިސްކޯދެއް ބޭއްވިއެވެ.
"ތީ ކޮން ތާކުން ހޯދި އެއްޗެއް؟" އާދަނު ސުވާލުކުރިއެވެ. "މަ ބެލި އިރު ޑަބިޔާގެ ނެތް ކުނޑިފުކެއް ވެސް."
"މީ އާދަނަށް އަހަރެން ރައްކާކުރި އެއްޗެއް،" ތުއްތަނިކު ބުންޏެވެ. "އާދަނުގެ ސަބަބުން އަހަންނަށް ހާދަ ފަސޭހަވެޔޭ!"
"ތުއްތަނިކުގެ ސަބަބުން އަހަރެން ކޮޅަށް މި ހުންނަނީ،" ސަމާސާ ރާގެއްގައި އާދަނު ބުންޏެވެ. "މި ތަން ބަންދުކުރާ ދުވަހު އަހަރެން ބަނޑަށް މަރުވާނެ."
"ތި ދުވަސް މާ ދުރެއް ނޫން." ތުއްތަނިކު ބުނެލިއެވެ.
އާދަނު ފޯކުރި ފާރޮށިކިބަ އަނގަޔަށް ނުލެވި ހުއްޓުން އެރިއެވެ. ތުއްތަނިކު ހިނި އައިސްފައި އާދަނުގެ އަތް އަނގަޔާ ކައިރި ކޮށްލަދިނެވެ.
"އާދަނަށް އެނގޭނެ، ބިސްކޯދާ ފާރޮށި މި ގެންނަނީ އުއްދަނޑި މޫސާފުޅު އަތުން،" ތުއްތަނިކު ބުންޏެވެ. "އޭނަ އެބަ ބުނޭ އެ ތަނަށް އަންނާށޭ! އެއީ މި ތަނަށް ވުރެ ބޮޑު، ވިޔަފާރި ރަނގަޅު ތަނެއް. އަހަރެން މި ވިސްނަނީ މި ތަން ހުއްޓާލާފަ އެ ތަނަށް ދާން. އާދަނު ގޮވައިގެން އަހަރެން ދާނީ. ސޭޓުކަން ދޭނަމޭ! އާނއެކޭ ބުނޭ!"
"މަ ކިހިނެއް ސޭޓުކަން ކުރާނީ؟" އާދަނު އެހިއެވެ. "ދުވަހަކު ކުރި ކަމެއް ނޫން."
"މަ ވެސް ހުންނާނަމޭ!" ވަރަށް ހަމަޖެހިލާފައި ތުއްތަނިކު ބުންޏެވެ. "ފުރަތަމަ ދަސްކުރާނީ. އާދަނު ނުލާހިކު ހިތްއަލިވާނެ. އަންނާނަން ދޯ؟ ދެން އާނއެކޭ ބުނޭ! އޭރުން ތަންކޮޅެއް އަތްމަތި ތަނަވަސްވާނެ."
އާދަނު ވަކި ޖަވާބެއް ނުދެއެވެ. އެ ރޭ ހަފީޒާގެ ގެއަށް ގޮސް އޭނަޔާ ވާހަކަ ދައްކަން އިންދައި، ކުއްލިއަކަށް ހަފީޒާ އެއްޗެއް ދިއްކޮށްލިއެވެ. އާދަނު ބަލައިލި އިރު އެއީ، އޮޅައިލާފައިވާ ފަރަންޖީކަރުދާސްގަނޑެކެވެ. ދެ ކޮޅު އޮތީ މަޅައިފައެވެ. އޭގައި ހިފުމުން އެތެރޭގައި ހުރީ ފޮތިކަން އާދަނަށް އިހުސާސް ކުރެވުނެވެ. އެ "ޕާރުސަލު" ދީފައި އާދަނުގެ ގަމީހު ޖީބަށް ހަފީޒާ އެއްޗެއް ވައްޓައިލިއެވެ. ބަރު އެއްޗެކެވެ.
"ހެދުމެއް ފަހާ!" ހަފީޒާ ބުންޏެވެ.
އާދަނު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރައްޓެހިވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އަންބަކަށް ވުމަށް ފަހު ވެސް އާދަނަށް ހަރަދު ކުރާނީ ހަފީޒާ ހެއްޔެވެ؟ އެއީ ރީތި ގޮތެއް ނޫނެވެ. އަނބިމީހާއަށް ހަރަދުކޮށް ބަލަހައްޓަން ޖެހޭނީ ފިރިމީހާއެވެ. ތުއްތަނިކު ދިން ފުރުސަތު ގަބޫލުކުރަން އާދަނު ނިންމީ އެ ވަގުތުއެވެ.
"ހަފީޒާއާ އިންނަންވާ އިރަށް އަހަރެން އަތްމަތި ރަނގަޅު ކުރާނަން." އާދަނު ބުންޏެވެ.
"އެ ކަމާ އަހަރެން އެއްޗެއް ބުނެފިތަ؟" ހަފީޒާ ސުވާލުކުރިއެވެ. "އަހަރެން ބޭނުންވަނީ ހެޔޮލަފާ ފިރިއެއް."
އާދަނު ގެއަށް އައިސް ޖީބު ބެލި އިރު އެއީ އިންޑިޔާގެ ތިން ރުފިޔާ ރަމުޒު ކޮށްދޭ ފައިސާފޮއްޗެކެވެ. ރާއްޖޭގެ ރުފިޔާއަކީ ވެސް އެއީއެވެ. ދިވެހީންގެ އަމިއްލަ ކަރުދާސް ރުފިޔާއެއް ނުހުރެއެވެ. ދެން ހުންނަނީ ރަސްކަލުން ޒަމާނުގެ ލާރިއެވެ. އެއް ރުފިޔާއަކީ ސަތޭކަ ވިހި ލާރިއެވެ. ޕާރުސަލު ނިއުޅައިލި އިރު އޭގައި، ވަރަށް ރީތި ތިން ފޮތިގަނޑު އޮތެވެ. ފިޔާތޮށި ފޮތިގަނޑަކާއި ފެހިކުލައިގެ ފޮތިގަނޑަކާއި ނޫކުލައިގެ ރޮނގުދެމި ފޮތިގަނޑެކެވެ. އާދަނަށް ހީވީ ގުރުސްފެންމަތިވި ހެންނެވެ. ވަރަށް އުފާވިއެވެ. ލޯބި ދެގުނައަށް ބަދަލުވިއެވެ. ހަފީޒާގެ ރީތިކަމާއި އޯގާވެރިކަމަށް އުފެދުނު ލޯތްބާއި ހަފީޒާ ވެދިން އެހީއަށް ޓަކައި އުފެދުނު ލޯތްބެވެ.
މާފަންނުގައި ބާޒީވަޅުގަނޑު ކިޔާ ވަރަށް ބޮޑު ވަޅުގަނޑެއް އޮވެއެވެ. ކުޅުދުއްފުށީ ދޮންކާސިމަކީ، އެ ވަޅުގައި ގެ އަޅައިގެން ދިރިއުޅޭ ފަހާމީހެކެވެ. އަންނައުނު ފަހަން އާދަނު ދަނީ ދޮންކާސިމު ގާތަށެވެ. ތިރީސް ލާރިއަށް މުންޑެކެވެ. ގަމީހެއް ހަތްދިހަ ލާރިއަށެވެ. ގަމީހަކާއި މުންޑެއް ސަތޭކަ ލާރިޔަށެވެ. އަގުހެވެއް ނޫނެވެ. އެންމެ ރުފިޔާއަކީ ވެސް އާދަނަށް ބޮޑު އެއްޗެކެވެ.
"މީ ހާދަހާ ނަލަ ފޮތިތަކެއް؟" ދޮންކާސިމު ހައިރާންވެފައި، ފޮތިތަކުގައި ފިރުމަމުންބުންޏެވެ. "ރަންފޮށްޓެއް ލެއްގީ އުތަ؟"
"އެކުން މާ ވާހަކަ ގިނަ ނުކޮށް މިންނަގާ!" އާދަނު ޖަވާބު ދިނެވެ. "ގިނަ ދުވަހު ލެވޭ ގޮތަށް، ތަންކޮޅެއް ގަޔަށް ދޫކޮށް ބަހައްޓާތި!"
"މި ފޮތި ހުންނާނީ ކަލޭފާނު ފިހާރައިގަ އެކަނި،" ފޮތިގަނޑު ބަލަމުން ދޮންކާސިމު ބުންޏެވެ. "ސުވާލަކީ އާދަނަށް މިހާ ގިނަ ފޮތި ލިބުނީ ކިހިނެއްހޭ؟"
"އާނ ގެނޭ ފޮތިގަނޑު!" އާދަނު އެދުނެވެ. "ލިބުނު ރިޒުގުގަ ކޮޅުފައިން ތި ޖެހީ!"
"ތުކި!" ދޮންކާސިމު ވަގުތުން ބުންޏެވެ.
އާދަންކަލޭފާނު ކަސްޓަމަށް ވެންނެވި އިރު، މޭޒުކޮޅު ދޮށުގައި ހަމީދު ގިނިކަންޏާ އިންނެވިއެވެ. ކަލޭފާނު ދުރުވެ، އަދަބުވެރިކަމާ އެކުގައި ގޮނޑީގައި އިށީންނެވިއެވެ. ކަލޭފާނު ދުރުވީ ހަމީދު ވިދާޅުވެގެންނެވެ. ނައުފަހަރުތަކުގެ ދަތުރުތަކާ ހިސާބުން ހަމީދު ފެށްޓެވި ވާހަކަ ނިންމަވައިލީ ވަރަށް އެހެން ކަހަލަ ހިސާބަކަށެވެ.
"ހަފީޒާއަށް މިހާރު ކިތައް އަހަރު؟" ހަމީދު ވިދާޅުވިއެވެ. (ނުނިމޭ)
ދަރޭތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ