ޕީޕީއެމްގެ ލީޑާޝިޕުން ޕްރައިމަރީއެއް ބާއްވައިފި ނަމަ 2023 ވަނަ ރިޔާސީ އިންތިހާބުގައި ނިކުންނަވާނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ސީއެންއެމް"އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމް އުފެއްދި ތިން މީހުން ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކަމަށާއި ދެން އެ މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެ ޕާޓީ އުފެއްދީ އޭނާގެ އޮފީހުގައި ކަމަށާއި އަސާސީ ގަވައިދު ވެސް ލިޔުނީ އެ އޮފީސް ތެރޭގައި ކަމަށް އުމަރު ވިދާޅުވި އެވެ.
އެހެންކަމުން ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ހުޅުވައިފިއްޔާ އެ ދޮރުން ވަންނަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ބަންދުކޮށްފައި އޮތްހާ ހިންދަކު އެ މަސައްކަތް ނުކުރައްވާނެ ކަމަށާއި ދޮރު ފަޅާފައި ވަންނާކަށް ވެސް މަސައްކަތެއް ނުކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އުންމީދު ކުރަނީ 2023ގެ ކުރިން ޕީޕީއެމްގެ ލީޑާޝިޕުގެ އެންމެ މަތީ ދޮރު ހުޅުވުން ކަމަށާއި އޭރުން އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ.
"2023 ގައި [ރިޔާސީ އިންތިހާބަށް] ކުރިމަތިލާނަން. އަދި ކާމިޔާބު ކުރާނަން. އުންމީދަކީ ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ހުޅުވިގެން ޕީޕީއެމްގެ ތެރެއިން ނިކުތުމުގެ ފުރުސަތު ލިބުން،" ޕީޕީއެމްގެ ކުރީގެ މެންބަރު އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓު ހޯދަން މަސައްކަތް ކުރިޔަސް ރައީސް ޔާމީން ޕާޓީ އިން އެއްފަރާތްވާކަށް ނުޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީންއަކީ މިހާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގޮތުގައި ޕީޕީއެމް އިން ނިންމާފައިވާ ނިންމުމަށް އިހުތިރާމް ވެސް ކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ޕީޕީއެމް އިން ފުރުސަތު ނުލިބިއްޖެ ނަމަ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ފަހަރެއްގައި [ޕީޕީއެމް ޓިކެޓު ނުލިބިއްޖެއާ] އެކަން ނުވެއްޖެއްޔާ ކުރިޔަސް މި އޮތް ހަތަރު ވަރަކަށް އަހަރު ތެރޭ ސިޔާސީ ޕާޓީއެއް އުފައްދަވެސް ފާނެ. ވަރަށް ގިނަ ބޭފުޅުން އަޅުގަނަޑު ކައިރިީ ބުނި ސިޔާސީ ޕާޓީ އުފައްދަން ހިނގާށޭ. އަދި އެ ހިޔާލު ނައިސްގެން މަޑުކޮށްގެން މި ހުރީ،" އުމަރު ވިދާޅުވި އެވެ.
2023ގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓު ބޭނުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ