އަސާސީ ހައްގުތައް ހޯދުމަށްޓަކައި ރައްޔިތުން، ވަކިމީހެއްގެ ފަހަތުން ދާކަށް ނުޖެހޭ: ރައީސް

ބޭނުންވެފައިވާ ކަންކަން ފުރިހަމަކޮށް، ބޭނުންވާ އަސާސީ ހައްގުތައް ހޯދުމަށްޓަކައި ރައްޔިތުން، ވަކިމީހެއްގެ ފަހަތުން ދާން ނުޖެހޭކަމަށް ރައީސުލް ޖުމްހޫއިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ދ. މީދޫގައި ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސްް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ފުރިހަމަކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ހޯދައި ދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ، ރައްޔިތުންނަށް އެކަންކަން ކޮށްދެއްވުމަށް ކަމަށާއި، ރައްޔިތުން ކޮށްދޭންވީ ކަމަކީ ޓެކްސް ދައްކައިދިނުން ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވެފައިވާ ކަންތައްތައް، އަސާސީ ހައްގުތައް ފުރިހަމަ ކުރުމަށްޓަކައި، ރައްޔިތުންގެ އަސާސީ ހައްގުތައް ހޯދުމަށްޓަކައި ފެނާއި ނަރުދަމާކަމަށްވިޔަސް ސްކޫލްގައި އިމާރާތެއް އަޅަން ޖެހުނު ނަމަވެސް، ބަނދަރު ހަދަން ޖެހުނުކަމަށްވިޔަސް ރައްޔިތުން ކޮންމެހެން ވަކި މީހެއްގެ ފަހަތުން ދާކަށް ނުޖެހޭ. އެއީ ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް. އަޅުގަނޑުމެން އައިސް މިތިބީ އެކަންތައްތައް ރައްޔިތުންނަށް ކޮށްދޭން. ތިބޭފުޅުން ސަރުކާރަށް ޓެކްސް ދައްކަވަންވީ. އިންޕޯޓް ޑިއުޓީ ދައްކަވާ، ދައުލަތަށް ފައިސާ ތިބޭފުޅުންދެއްވާ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމާއި، މީހުން މެރުމާއި، މާރާމާރީ އާއި ޑްރަގްގެ ވަބާ އިންތިހާއަށް ރާއްޖޭގައި އަށަގަނެފައި އޮއްވައި، ހިތްވަރާއި އެކު ރައްޔިތުން ކުރި މަސައްކަތުން އެމަނިކުފާނު ވެރިކަމަށް ގެންނެވީ، ވަރަށްބޮޑެތި އުއްމީދުތަކަކާއެކުގައި ކަމަށެވެ. ނަމަވެސް ރައްޔިތުން ބޭނުންވާ އެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އެ ކަންތައްތައްް ގަބޫލު ކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ރައްޔިތުން ބޭނުންވާ އެ ބަދަލު ތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައް މެދުވެރިކޮށްނޫނީ ނުގެނެވޭނެ ބަދަލުތައް ހިމެނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މަޖިލީހުގައި އެކަންތައްތައް ގަބޫލުރާ ބަޔަކު ތިބެންޖެހޭ. މަޖިލީހުން ފާސްކުރާ ގާނޫނުތައް މެދުވެރިކޮށް ނޫނީ ނުގެނެވޭނެ ބަދަލުތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ