ކުޑަކުދިން ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 18 އަށް މަތި ކުރަން މެމްބަރު ޖީހާން ގޮވާލައްވައިފި

ގާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 18 އަހަރަށް މަތި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
ކުޑަކުދިންގެ އަދުލުގެ ބިލުގެ ބަހުސްގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކުޑަކުދިން ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރުގެ ގޮތުގައި ބިލުގައިވާ 15 އަހަރު 18 އަހަރަށް މަތި ކުރަން ހުށަހަޅުއްވާ ކަމަށެވެ.
"މި އުމުރުގައި ކުއްޖާ ޖަލަށް ލެވުމަކީ، ކުށްވެރި ވުމަކީ، ކުއްޖާ ލޭބަލް ކުރެވުމަކީ، ކުއްޖާއަށް ހައްގުވާ ރައްކާތެރިކަން ނުދެވުމަކީ، އެކުއްޖާ އެއީ ކްރޯނިކް ޖުވެނައިލް އޮފެންޑާއަކަށް ހެދުމަށް އަޅުގަނޑުމެން އެންމެންގެވެން އެޅޭ ފިޔަވަޅެއް. އެހެންކަމުން ކުށުގެ ވެށިން ކުއްޖާ ރައްކާތެރި ކުރުމަށްޓަކައި، އޭޖް އޮފް ކްރިމިނަލް ރެސްޕޯންސިބިލިޓީ އަޅުގަނޑުމެން މަތި ކުރަން ޖެހޭ 18 އަހަރަށް،" ޖީހާން ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ކުރީގެ މެމްބަރުކަން ކުރެއްވި ޖީހާން ވިދާޅުވީ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ އުމުރު ކަމަށްވާ 9 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރަކީ އެ ކުދިންގެ ސިކުނޑި އެންމެ ރަނގަޅަށް އުފެދިފައި ހުންނާނެ އުމުރު ފުރާ ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އޮންނަ ގޮތުގެ ސަބަބުން ކުދިން ކުށުގެ ވެށިން ސަލާމަތް ނުކުރެވޭ ކަމަށާއި، އެކަން ހައްލު ކުރުމަށް ހުށަހަޅާ ގާނޫނީ އޮނިގަނޑަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ކަމަށް ވާއިރު، އެ ގާނޫނުގެ ދަށުން ކުދިން ޒިންމާ ނަގަން ޖެހޭ އުމުރު 18 އަހަރަށް މަތި ކުރަން ޖެހޭނެ ކަމަށެވެ.
"އަހަރެއްގެ މައްޗަށް ކުދިންނާއި ކުށާ ގުޅުން ހުރި 300 މައްސަލަ ހުށަހެޅޭ. ފާހަގަކުރަން ބޭނުން ވަނީ މީގެ ތެރެއިން އަހަރަކު އެވްރެޖް ގޮތެއްގައި 100 މައްސަލައަކީ ކުށް ތަކުރާރު ކުރާ ކުދިންގެ މައްސަލަ،" މިހާރު އޮތް ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ މައްސަލަތައް ފާހަގަކުރައްވަމުން ޖީހާން ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގައި ޖުމްލަ ގޮތެއްގައި ކުޑަކުދިން ކުށަށް ޒިންމާވާން ޖެހޭ އުމުރަކީ ވެސް 18 އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ރާއްޖޭގައި އޮންނަ ގޮތުން ނަމަ އުމުރުން 10 އަހަރު ވެފައިވާ ނަމަ، އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކާއި މަރާ ގުޅުންހުރި ހުރިހާ ކުށްތަކާއި މަސްތުވާތަކެތީގެ ކުށްތަކުގައި ކުޑަކުދިން ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ އެވެ. އަދި 15 އަހަރުވުމުން ހުރިހާ ޖިނާއީ ކުށެއްގެ ޒިންމާ އުފުލަން ޖެހޭނެ އެވެ.
އެކަމަކު ސަރުކާރުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ހުށަހެޅުއްވި ބިލުގައި ވަނީ 10 އަހަރުވުމުން ބައެއް ކުށްތަކަށް ޒިންމާ ނަގަން ޖެހޭ ގޮތްތައް އޮތް އޮތުން އުނިކޮށް، ހުރިހާ ކުށަކަށް ވެސް ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރަށް މަތިކޮށްފަ އެވެ.
މިހާރު ބިލުގައި އޮތް އެ އުމުރު 18 އަހަރަށް މަތި ކުރަން ޖީހާން ގޮވާލެއްވުމުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ވަނީ އެކަމަށް ތާއީދު ކުރައްވާފަ އެވެ.
"ކުށުގެ ވެއްޓަށް ކުޑަކުއްޖާ ވައްދަނީ ކީއްވެގެންތޯ ފުރަތަމަ ސުވާލަކީ. އެއީ ހަމައެކަނި އެންމެ ބޮޑު ބޭނުމަކަށް ވަނީ އެ ކުދިންނަށް ޗާޖު ނުކުރެވޭ ތަންކޮޅު. އެކުދިން ކުށުން ބަރީއަވާން އޮންނަ ފުރުސަތުގެ ބޭނުން ހިފުން، ނޫނީ އެކަން [ކުދިންނަށް] ދައްކާފައި އެކުދިން ކުށުގެ ތެރެއަށް ވައްދާކަން މިއީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ ހަގީގަތެއް،" އޭނާ ވިދާޅުވި އެވެ.
މި ބިލު ގާނޫނަކަށް ވުމުން ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާނެ އެވެ. އަދި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތައް ގާއިމުކުރެވޭނެ އެވެ.
މަޖިލީހުން ބިލް ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، އުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެ އެވެ. މި ބިލުގައި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ބިލުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ގައުމުތަކުގައި ކަނޑައަޅާފައިވާ އުމުރަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ބިލުގެ ދަށުން ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެންނެވެ. މީގެ އިތުރުން، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ލާޒިމްކުރެ އެވެ.
ބިލް މަޖިލީހަށް ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ މިއީ އިސްލާހިއްޔާ އުފެއްދުމުގެ ބިލެއް ނޫން ކަމަށާއި، މިއީ ކުދިން ރިހެބިލިޓޭޓް ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެ ބިލެއް ކަމަށެވެ.
"މި ބިލް އެންމެ ފުރަތަމަ މީޑިއާތަކަށް ތިލަވުމާއެކު ދެކެވުނު ވާހަކައަކީ މިއީ އިސްލާހިއްޔާގެ ބިލޭ. އެކަމަކު މިއީ ހަމަ ވަރަށް ބޮޑު އޮޅުމެއް. މި ބިލުގެ ދަށުން ގާއިމް ކުރާ ކުޑަކުދިން ބަންދު ކުރެވޭ ރެޒިޑެންޝަލް ސެންޓަރުތަކާއި ކަރެކްޝަނަލް ފެސިލިޓީ ތަކަކީ އެއް ގޮތަކަށް ވެސް އިސްލާހިއްޔާގެ މަފްހޫމަށް ފެތޭ ސެންޓަރުތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުން ވެސް ބިލަށް ތާއީދު ކުރެއްވި އިރު، މެމްބަރުން ވަނީ ކުދިންނަށް އަދަބު ދިނުމުގައި ބަދަލުގައި އެ ކުދިން ކުށުގެ ވެއްޓަށް ދާން ޖެހޭ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލު ކުރުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ