އެންއައިސީގެ މެމްބަރު ކަމަށް އަލުން އިއުލާން ކުރުމަށް ރައީސަށް މަޝްވަރާ އަރުވަން މަޖިލީހުން ނިންމައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އަލުން އިއުލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
އެންއައިސީ އަށް މެމްބަރުން އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހަށް ހުށަހެޅި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މީގެ ކުރިން ވަނީ ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ނަމަވެސް މަޖިލީހުން ވަނީ އެ ރިޕޯޓް އަލުން ކޮމެޓީއަށް ފޮނުވުމަށް ނިންމާފަ އެވެ. އެގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އަލުން ވަނީ އެ މައްސަލަ އަލުން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް އަލުން ރިޕޯޓެއް ހުށަހަޅާފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފަހުން ނިންމާފައިވާ ރިޕޯޓްގައި ވަނީ، އެންއައިސީއަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް އެކޮމެޓީން ދިރާސާ ކުރައްވައި ނިންމި ގޮތުގެ ރިޕޯޓް އަނބުރާ އެ ކޮމެޓީއަށް ފޮނުވާލާފައި ވުމުން، އެ ރިޕޯޓާމެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ފާޅުކުރައްވާފައިވާ ހިޔާލުތަކަށް ރިއާޔަތް ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތަކަށް ނިންމަވާ ދެއްވުމަށް އެދޭ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ވަނީ އެ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.
"ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރެއްވުމަށްޓަކައި 09 އޭޕްރީލް 2019 ގައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކެއް ކަމަށްވާއިރު، ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންފުޅުތަކާ ގުޅޭ ގޮތުން، އެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީތަކުން އޭރު އަމަލު ކުރަމުން ގެންދެވީ އެކަށީގެން ނުވާ އުސޫލްތަކުގެ ސަބަބުން، އަދި 18 ވަނަ މަޖިލިސް އެކުލެވިގެންވާ ގޮތަށް ވިސްނާ، އެމަގާމުތަކަށް ޝަރުތު ހަމަވާ ގާބިލް ފަރާތްތަކުން އެ މަގާމުތަކަށް ކުރިމަތިލުމަށް ފަސްޖެހިފައިވާކަން ފާހަގަކޮށް، 19 ވަނަ މަޖިލިސް ހިނގަމުންމިދާ ގޮތަށް ބަލާ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ، އެ ފުރުސަތު އަލުން ހުޅުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް މި މަޖިލީހުން މަޝްވަރާ އަރުވަން،" އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.
އަލީ އާޒިމްގެ އެ އިސްލާހަށް ތާއީދު ކުރެއްވީ، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު އާމިރު އެވެ.
އެ ހުށަހެޅުން މިއަދުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
މި މަހުގެ ދެވަނަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލި މީހުން ދިރާސާކޮށް ކޮމިޓީން ފޮނުވި ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވަނީ ޖާބިރުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާފަ އެވެ.
މަޖިލީހުގެ ތަޅުމުން އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
އެންއައިސީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 26 މީހަކު ވަނީ އެކަމަށް އެދި ހުށަހަޅާފަ އެވެ.
އޭގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ދިރާސާއިން އެންމެ މަތިން މާކްސް ލިބިފައި ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ މެންބަރު ރުކްޝާނާ އިބްރާހިމަށެވެ. އޭނާއަށް 84.33 މާކްސް ލިބުނެވެ.
ކޮމިޓީގެ ރިޕޯޓްގައި ހުށަހެޅި ނަންތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަލީ މުހައްމަދު މަނިކާއި އެންއައިސީގެ ކުރީގެ މެންބަރު ޔޫސުފް މާނިއު އަލީގެ އިތުރުން ޔޫއޭއީއަށް ކުރިން ކަނޑައެޅި ސަފީރު އައިޝަތު ޝެހެނާޒް ވެސް ހިމެނެ އެވެ.
ކުރިން ވެސް އެންއައިސީގައި ތިއްބެވި ބައެއް މެމްބަރުން އަލުން އެ ކޮމިޝަނަށް އައްޔަން ކުރަން އުޅުމުން ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާ ވެސް ހިމެނެ އެވެ.
ރިލްވާންގެ އާއިލާއިން ވަނީ ކުރިން އެކޮމިޝަންގެ ރައީސްކަން ކުރައްވާފައިވާ ޔޫސުފް މާނިއު އަލީ އަކީ ރިލްވާންގެ މައްސަލާގައި އިހުމާލުވެފައިވާ ބޭފުޅެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ވެސް ހުށަހަޅުއްވާފަ އެވެ. އޭގެ ފަހުން މާނިއު ވަނީ އޭނާގެ ނަން ނަންގަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ