މިއީ މަލާމާތެއް ނޫން، ކާށިދޫ ދާއިރާ ރައްޔިތުން ކޭބަލް ކާރުގައި ދަތުރުކުރާނެ - ޖާބިރު

ކާށިދޫ ދާއިރާގެ ރައްޔިތުން ކޭބަލް ކާރުގައި ދަތުރުކުރާ މަންޒަރު ފެންނާނެ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ކުރާ މަލާމާތެއް ނޫން ކަމަށް، ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިޚާބު ވެފައިވާ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއްވެސް ފުއްދަވާނެ ކަމަށާއި، ނުކުރެވޭނެ އެއްވެސް ކަމެއްގެ ވާހަކަ ދަންނަވާފައި ނުވާނެ ކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުންނަށް އެބަ ހީވޭ މިއީ ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް. މިއީ ކުރާ މަލާމާތެއް ނޫން. ކޭބަލް ކާރަކީ އެޅޭނެ އެއްޗެއް. އިރާދަކުރެއްވިއްޔާ ކާށިދޫ ދާއިރާގެ ރައްޔިތުން ކޭބަލް ކާރުގައި ދަތުރު ކުރާ މަންޒަރު ފެންނާނެ." ޖާބިރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އިސްލާމީ އުޞޫލުތަކާއި ޚިލާފުނުވާ ގޮތަށް ޓޫރިޒަމް ވެސް ތަރައްޤީ ކުރެވޭނެ ކަމަށާއި، އަރަބި ޤައުމު ތަކުގެ ވަރަށް ގިނަ މީހުން ރާއްޖޭގެ ރީތިކަން ބަލާލަން އައުމަށް ބޭނުންވާ ކަމަށެވެ.
"ގާފަރު ފަޅުތެރޭގައި ރިސޯޓުވެސް ތަރައްޤީ ކުރާނަން. މި ރާއްޖެއަށް އެންމެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނައި މީހަކީ އަޅުގަނޑު. އެކަން ކުރެވޭނެ. ކާކުތޯ މި ބުނަނީ ކުރެވޭނެ ވާހަކަ. ޢަބްދުﷲ ޖާބިރު ނޫންތޯ އެ ވާހަކަ މި ބުނަނީ." ޖާބިރު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ ގޮނޑި އަށް ވާދަކުރުމުގެ ކުރިން، އެ ދާއިރާގައި ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވިއެވެ. ޕްރައިމަރީ ނާކާމިޔާބު ވުމާއި ގުޅިގެން އަމިއްލަ ގޮތުން އެ ގޮނޑިއަށް ކުރިމަތިލައްވާ، އޭނާ ވަނީ އެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
މަޖިލިސް ކެމްޕެއިންގައި އެކި ގޮތްގޮތުން މަސައްކަތް ކޮށްދެއްވާ، ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށް ޖާބިރު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ