ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދަށް އިންޑިއާ ސަރުކާރުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި މިއަދު ހެނދުނެވެ.
ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް އަރާވަޑައިގަތުމުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ގައުމީ ސަލާން ކުޅުނެވެ. އަދި ރައީސް ސޯލިހުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.
އެއަށްފަހު އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތައާރުފުކޮށް އެރުވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން އިންޑިއާގެ ރައީސަށް ތައާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.
ރާޝްތުރަޕަތީ ބަވަނުގައި އޮތް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާންދީގެ މަގްބަރާ، ރާޖްގަޓަށް ވަޑައިގެންނެވި އެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނބަލުންނަށް އިންޑިއާއިން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ