ހަގީގީ އެނަބެލް ބުދު ގެއްލުނު ކަމަށް ބުނާ ވާހަކަތަކެއް
މިހާތަނަށް އުފެއްދި އެންމެ ބިރުވެރި ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެނަބެލް"ގެ ވާހަކަ ބިނާކޮށްފައިވާ އަސްލު ބުދު ގެއްލިގެން އުޅޭ ކަމަށް ބުނެ އިންޓަނެޓުގައި އެތައް ބަޔަކު ބިރު ގަންނަވާލުމަށްފަހު, ވީނުވީއެއް އަންގައިފިއެވެ. ކޮންޖަރިން ފިލްމު ފްރެންޗައިޒްގައި ތައާރަފުކުރި އެނަބެލް ސީރީޒްއަކީ ކާމިޔާބު ބިރުވެރި ފިލްމު ސީރީޒްއެކެވެ. އެ ފްރެންޗައިޒްގައި ހިމެނޭ އެނަބެލް ބުދުގެ ވާހަކަ ބިނާކޮށްފައިވަނީ އެމެރިކާގެ ކަނެކްޓިކަޓްގައި ހުންނަ އޮކަލްޓް މިއުޒިއަމްގައި ބާއްވައިފައި އޮންނަ ބުދަކަށެވެ. ރެގެޑީ އޭން ނަމަކަށް ކިޔާ މި ބުދަކީ ރޫހާނީ ބާރުތަކެއް ހިމެނޭ ބުދެއް ކަމަށް ބުނެއެވެ. މި ބުދަކީ ކޮންޖަރިން ބިނާކޮށްފައިވާ ކެރެކްޓަރުން ކަމަށްވާ އެޑް އަދި ލޮރެއިން ވޯރެންގެ ކޭސްއެއްގެ ތެރެއިން ހޯދާފައިވާ ބުދެކެވެ. ބުނާގޮތުގައި ދެމަފިރިންގެ ހުރިހާ ކޭސްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެކައްޗަކަށް ރައްކާކުރެވިފައިވަނީ މި ބުދެވެ. ދެމަފިރިންގެ ގޭގައި ހިމެނޭ މިއުޒިއަމްގައި ބައިންދާފައިވާ މި ބުދު ގެއްލިގެން އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށީ އިއްޔެގެ ވަގުތެއްގައެވެ. އެއާއެކު މުޅި އިންޓަނެޓުގައި އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކި ކަހަލަ ވާހަކަތައް ދައްކަން ފެށިއެވެ. އަނެއްބަޔަކު ފެށީ އެކަމަށް ހަޖޫ ޖަހާށެވެ. އަދި މީހުން ބުނަމުން ދިޔައީ އެ ބުދު އަމިއްލައަށް ފިލައިގެން ދިޔައީ ކަމަށެވެ. ކޮންމެއަކަސް މިއުޒިއަމްއިން ރޭގައި ވަނީ އެކަމަށް ރައްދެއް ދީފައެވެ. މިއުޒިއަމް އިން ބުނެފައިވަނީ ބުދު ނުގެއްލޭ ކަމަށެވެ. އަދި އެ މިއުޒިއަމްގެ މީގެ ކުރީން ވެސް އޮތް ތަނުގައި އެ ބުދު އޮތް ކަމުގެ ޔަގީންކަން މިއުޒިއަމުން ދެއެވެ. މިއީ މި ބުދު ގެއްލުނު ކަމުގެ ވާހަކަތައް ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީން 2020 ވަނަ އަހަރުގައި ވެސް އެފަދަ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެފަހަރުވެސް މިއުޒިއަމުން ވަނީ ވާހަކަ ދޮގު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ