ޓެމޫގެ މައިކުންފުނި ޕީޑީޑީގެ އާމްދަނީ އަންދާޒާކުރި ވަރަށްވުރެ ދަށްވެއްޖެ

ޗައިނާގެ މަޝްހޫރު އީ-ކޮމާސް ކުންފުނި، އަދި ދިވެހިންގެ މެދުގައި މަޤުބޫލު އޮންލައިން ޝޮޕިން ވެބްސައިޓް ޓެމޫގެ މައި ކުންފުނި ޕީޑީޑީ ހޯލްޑިންގްސް (ޕީޑީޑީއޯ)ގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ، އަންދާޒާކުރި ވަރަށް ވުރެ ދަށްވެއްޖެއެވެ. މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ޗައިނާގެ އެތެރޭގެ ބާޒާރުގައި ކަސްޓަމަރުންގެ އިތުބާރު ދަށްވުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގައި ހުރި ހަލަބޮލިކަމުގެ ސަބަބުން އެ ކުންފުނީގެ ބައިނަލްއަޤްވާމީ ޕްލެޓްފޯމް، ޓެމޫއަށް ކުރިމަތިވި ގޮންޖެހުންތައް ހިމެނެއެވެ. މި ޚަބަރާއެކު، އެމެރިކާގެ ސްޓޮކް މާކެޓުގައި ޕީޑީޑީ ހޯލްޑިންގްސްގެ ހިއްސާގެ އަގު 15 އިންސައްތައަށްވުރެ ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ. ޗައިނާގެ އިގްތިޞާދަށް އައިސްފައިވާ ހީނަރުކަމާއި، ހާއްސަކޮށް ގެދޮރުވެރިކަމުގެ ދާއިރާގައި އުފެދިފައިވާ ދަތިތަކުގެ ސަބަބުން، ކަސްޓަމަރުންގެ ޚަރަދުކުރުމުގެ ނިސްބަތް ވަނީ ދަށްވެފައެވެ. ޗައިނާގެ އެންމެ ބޮޑެތި އޮންލައިން އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ އަލިބާބާ، ޕިންޑުއޮޑުއޯ އަދި ޖޭޑީކޮމް އާ ދެމެދު ވަނީ އެތެރޭގެ ބާޒާރުގެ ބޮޑު ހިއްސާއެއް ހޯދުމަށް ވަރުގަދަ އަގުގެ ހަނގުރާމައެއް ފެށިފައެވެ. އަލިބާބާގެ ކުއާޓާލީ އާމްދަނީ ވެސް އަންދާޒާތަކަށްވުރެ ދަށްވިއިރު، ޖޭޑީކޮމްއަށް ވަނީ ސަރުކާރުގެ 'ޓްރޭޑް އިން' ސްކީމެއްގެ އެހީގައި، ހާއްސަކޮށް ގޭތެރޭގެ އިކުއިޕްމެންޓާއި އިލެކްޓްރޯނިކްސްގެ ދާއިރާއިން ކުރިއެރުން ލިބިފައެވެ. ޕިންޑުއޮޑުއޯ އާއި ބައިނަލްއަޤްވާމީ ސައިޓް ޓެމޫއިން ވެސް ބޭނުންކުރަނީ މުދާ އަގުހެޔޮކޮށް ފޯރުކޮށްދިނުމަށްޓަކައި ޗައިނާގެ ފުޅާ ދާއިރާއެއްގައި ހުރި ސަޕްލަޔަރުންގެ ނެޓްވޯކެވެ. ޕީޑީޑީން މާރިޗް 31އަށް ނިމުނު ކުއާޓަރުގައި 95.67 ބިލިއަން ޔުއާން (13.30 ބިލިއަން އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާއިރު، އެނަލިސްޓުން އަންދާޒާކޮށްފައި ވަނީ 102.51 ބިލިއަން ޔުއާން ލިބޭނެ ކަމަށެވެ. އަދި ކުންފުނީގެ ސާފު ފައިދާ ވަނީ މިދިޔަ އަހަރު 28 ބިލިއަން ޔުއާން އިން 14.74 ބިލިއަން ޔުއާން އަށް، 47 އިންސައްތައަށް ދަށްވެފައި ވެއެވެ. އެމެރިކާ އާއި ޗައިނާ ދެމެދުގައި ހިނގަމުންދާ ޓެރިފްގެ މައްސަލަތަކާއި، ދާދިފަހުން "ޑި މިނިމިސް" އުސޫލަށް އެމެރިކާއިން ގެނައި ބަދަލުތަކަކީ ޓެމޫ ފަދަ ކުންފުނިތަކަށް ކުރިމަގުގައި އަގުތައް ދަށްކޮށް ބެހެއްޓުމަށް ހުރި ގޮންޖެހުމެކެވެ. މި އުސޫލުގެ ދަށުން، 800 އެމެރިކާ ޑޮލަރަށްވުރެ ދަށް އަގުގެ މުދަލަށް ޓެރިފް ނުނެގުމުގެ ފުރުސަތު ޓެމޫއަށް ލިބިފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ ވިޔަފާރީގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މިކަމާމެދު ނުތަނަވަސްކަން ވަނީ ކުރިމަތިވެފައެވެ. ޕީޑީޑީ ހޯލްޑިންގްސް އަކީ ޗައިނާގެ އީ-ކޮމާސް ދާއިރާގެ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން ހިންގާ އެންމެ ފާހަގަކޮށްލެވޭ ދެ ޕްލެޓްފޯމަކީ ޗައިނާގެ އެތެރޭގެ ބާޒާރަށް އަމާޒުކޮށްފައިވާ "ޕިންޑުއޮޑުއޯ" އާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ "ޓެމޫ"އެވެ. މި ދެ ޕްލެޓްފޯމް ވެސް މަޝްހޫރުވެފައި ވަނީ އާދަޔާޚިލާފަށް އަގުހެޔޮކޮށް ތަކެތި ވިއްކުމަށެވެ. އަދި މިކަން އެމީހުންނަށް ކާމިޔާބު ކުރެވެނީ ޗައިނާގެ އެތައްހާސް ސަޕްލަޔަރުންނާ ސީދާ ގުޅިގެން، މެދުވެރިން މަދުކޮށްގެންނެވެ. ޚާއްޞަކޮށް ޓެމޫ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކެއްގައި، ހާއްސަކޮށް އެމެރިކާ ފަދަ ބާޒާރުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ. މި ކުންފުނިތަކުގެ ވިޔަފާރި މޮޑެލް ބިނާވެފައިވަނީ އަގުހެޔޮކަމުގެ މައްޗަށް ކަމުން، ޗައިނާގެ އެތެރޭގެ ވާދަވެރިކަމާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ގޮންޖެހުންތަކުގެ ސީދާ އަސަރު އެ ކުންފުނިތަކުގެ މާލީ ނަތީޖާތަކަށް ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ