އިންސާފް ލިބިއްޖެ - މައުމޫން

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަކީ ފާހަގަކޮށްލެވޭ، ތާރީހީ ހުކުމެއް ކަމަށާއި، އިންސާފު ލިބިއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ، ސްޕްރީމް ކޯޓުން މިއަދު މެންދުރު ފަހު އިއްވި ހުކުމާއި ގުޅިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެމަނިކުފާނުގެ އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީމުއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
"އެ ދެ ބޭފުޅުންނަށް އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ސުޕްރީމް ކޯޓުން އެ ވަނީ ސައްހަކޮށްދީފައި". މައުމޫންގެ ޓްވީޓުގައި ވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ހުކުމް އިއްވާފައި ވަނީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށެވެ. އެ ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ