ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިބޫ އާއި މައުމޫން މަޝްވަރާ ކުރައްވައިފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަނެއްކާވެސް ބައްދަލުކުރައްވައިފިއެވެ.
އިބޫ، ރައީސް މައުމޫން އާއި ބައްދަލުކުރައްވާފައިވާކަން ރައީސް މައުމޫން ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. މައުމޫން ވިދާޅުވީ، އިބޫ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވީތީ ވަރަށްވެސް އުފާވާ ކަމަށެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ޖަލު ބަންދުން މިނިވަން ވި ފަހުން، އެމަނިކުފާނާއި، އިބޫ މީގެ ކުރިންވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، މަޝްވަރާ ކުރެވިގެން ދިޔައީ، ކޯލިޝަން ސަރުކާރެއްގައި ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެއްވުމާ ގުލޭ ގޮތުންނެވެ.
ރައީސް މައުމޫން އާއި އިބޫ އަނެއްކާވެސް ބައްދަލުކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްޔެ ވަނީ އިއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުން ވަނީ އިންތިހާބު ބާތިލު ކުރަން ނުފެންނަ ކަމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ