އެމްޑީޕީއާ ދެކޮޅަށް ރައްޔިތުން ތެދުވެ ނޫނެކޭ ބުނުމަށް ޖަމީލް ގޮވާލައްވައިފި

އޮޑިޓަ ޖެނެރަލްގެ ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިގްތިސާދީ ޖަރީމާތަކެއް ހިންގާފައިވާކަން ހާމަވެފައިވާ ކަމަށާއި އެހެންކަމުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދެކޮޅަށް ރައްޔިތުން ތެދުވެ ނޫނެކޭ ބުނުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި ޕީޕީއެމްގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ތަކެތީގެ އަގު ބޮޑުވެފައިވާއިރު ތައުލީމީ ނިޒާމު ވީރާނަވެފައިވާ ކަމަށާއި ރައްޔިތުންނަށް ލިބެން ޖެހޭ އާމްދަނީ މަދުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ޖަމީލް ވަނީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ވެސް ފާހަގަކުރައްވާފައެވެ.
އަދި މިކަންތައްތައް މިގޮތަށް ދާން ޖެހުނީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން އެމްޑީޕީ ސަރުކާރުން އުޅުމުގެ ބަދަލުގައި އެމްޑީޕީ މީހުންގެ ޖީބަށް ވަންނަ އެއްޗެހި އިތުރުކުރަން ހަދައިގެން ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް ނަޝީދާއި އާއިލާގެ ބޭފުޅުންނާއި އަރިސް ބޭފުޅުން ދިޔައީ "މެދު އުޑުގައި ފިޔަ ޖަހަމުން" ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެމްޑީޕީ އާއި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ސިންގަޕޫރަށް ހަމައެކަނި ޗުއްޓީއަކަށް ބޭރަށް ގޮސްފައި ލައްކައަކަށް ވުރެ މަތިން ފައިސާ ހަރަދުކުރިކަން އެއޮތީ އޮޑިޓް ރިޕޯޓުން އެނގިފައި، ރައްޔިތުން ނިކަމެތި ވަމުން ދިޔައީ، އަމިއްލަ ޗުއްޓީ އާއި މަޖާކުރުމުގެ ނަތީޖާއަކަށްވީ ރާއްޖޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެގެން ދިއުން." ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން އިގްތިސޯދީ ޖަރީމާތައް ހިންގާފައިވާކަން އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވާ ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުތަކުން ފަޅާ އަރާފައިވާ ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވާ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށްވާތީ އެކަމާއި ދެކޮޅަށް ރައްޔިތުން ތެދުވާން ޖެހޭ ކަމަށެވެ.
އަދި އެމްޑީޕީން ހިންގާފައިވާ އިގްތިސޯދީ ޖަރީމާތަށް ބަލައި ޕީޕީއެމްގެ ސަރުކާރެއްގައި އިންސާފު ހޯދައިދޭނެ ކަމަށް ވެސް ވޭތުވެދިޔަ ތިން ސަރުކާރުގައި ވެސް ވަޒީރުކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.
ރާއްޖޭގައި ރައީސް ނަޝީދާއި އެމްޑީޕީން ހިންގާފައިވާ އިގްތިސާދީ ޖަރީމާތަކުގެ ނިމުން ތަހުގީގުކޮށް އެކަމަށް ހައްލެއް ހޯދުމަށް ބޭނުންވާ ނަމަ ސެޕްޓެމްބަރުގައި މިއޮތް އިންތިހާބުގައި ޔާމީނާއި އޭނާއަށް ވޯޓުދޭން ޖެހޭ ކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވި އެވެ.
ސިއްހީ ދާއިރާ ތަރައްގީކޮށް، ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް ޕީޕީއެމުން ކުރިން ވެފައިވާ ބައެއް ވައުދުތައް މިރޭ ޖަމީލް ތަކުރާރުކުރައްވާފައިވާއިރު ޖަމީލް ވަނީ މިރޭ ޒުވާނުންނަށް އެހެން ވައުދެއް ވެސް ވެވަޑައިގެންފަ އެވެ. އެއީ ގޭގައި ތިބެގެން ކޮމްޕިއުޓަރުގެ ޒަރީއާ އިން ވަޒީފާ އަދާކުރެވޭނެ ގޮތް ޕީޕީއެމްގެ ސަރުކާރެއްގައި ފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ