ރައްޔިތުން ތިބީ ރިޔާސީ ދައުރަކަށް ރައީސް ވަހީދު ހޮވުމަށް ކެތްމަދުވެފައި - ތަސްމީން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ވަހީދުގެ ސިޔާސަތުތަކާއި މެދު ހިތްހަމަޖެހިފައި ތިބި ގިނަ އަދަދެއްގެ ރައްޔިތުން އެބަތިބި ކަމަށާއި އެމީހުން ތިބީ ރައީސް ވަހީދު ރިޔާސީ އާ ދައުރަކަށް އިންތިހާބުކުރުމަށް ކެތް މަދުވެފައި ކަމަށް ރައީސް ވަހީދުގެ ރަނިންމޭޓު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.
"ގައުމައިގެން ކުރިއަށް" ކޯލިޝަނުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ތަސްމީން ވިދާޅުވީ އެކޯލިޝަންގެ ކެމްޕެއިންގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުންދާ ކަމަށާއި އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެ ތެރޭގައި ވެސް ކެމްޕެއިންގެ ފޯރި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ލޯތްބާއި ތާއީދު ބިނާވަނީ ކޮންޓްރެކްޓް އުސޫލުން ދަމާލާ ދިދަ ފަދަ ތަކަކުން ނޫނީ ސަރުކާރުގެ އިމާރާތްތަކުގައި ޕާޓީގެ ކުލަ އާއި ދަވާދު ލައިގެން ނޫން ކަމަށާއި 7 ސެޕްޓެމްބަރުގައި ރައީސް ވަހީދަށް ދިވެހި ރައްޔިތުންގެ ތާއީދު އޮތް ކަން ފެނިގެންދާނެ ކަމަށެވެ.
"ސާބިތުކަމެއް ނެތް، ބުނާ ބަހުގެ އިތުބާރެއް ނެތް ބަޔަކު ކޮންމެވެސް ސަބަބުތަކަކާއިހުރެ މި ކެމްޕެއިނުން ވަކިވެގެން ދިއުމަކުން މާތް ﷲ ގެ ވާގިފުޅާއިއެކު އަޅުގަނޑުމެންގެ ކެމްޕެއިނަކަށް ބުރުލެއް ނާރާނެ، އަޅުގަނޑުމެން ދާނީ ވަރުގަދަ ކަމާއިއެކީގައި ކުރިއަށް." ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވާ ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ރާއްޖޭގައި މިހާރު ވަކި މީހެއްގެ ފަހަތުގައި އޮތް ގްރޫޕަކަށް ތާއީދުކުރަން ނުޖެހޭކަން މިއަދު ފެންނަމުންދާ މަންޒަރުތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު ތަން ނުދޭކަން ހާމަވަމުންދާ ކަމަށާއި އެކަން މިހާރު ރާއްޖޭގައި ކުރަމުންދާ ކެމްޕެއިންތަކުން ވެސް ސާބިތުވެގެންދާ ކަމަށެވެ.
ވަކި އާއިލާއެއްގެ ބޭފުޅަކަށް ވެރިކަން ހޯދާ ދިނުމަށް ދިވެހިން މަސައްކަތްކުރި ޒަމާން މިހާރު މާޒީވެގެން ގޮސްފައިވާ ކަމަށާއި މިއަދު ދިވެހި ރައްޔިތުން ބޭނުންވަނީ ގައުމައިގެން ކުރިއަށް ދާން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"މިކަމުގައި އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ އަތުކުރި އޮޅާލައިގެން، މި ކެމްޕެއިންގެ ތެރެއިން އަޅުގަނޑުމެން ވަރަށް ގިނަ ރަށް ރަށަށް ދަތުރުކޮށްފިން، ރަށް ރަށުގެ ރައްޔިތުންގެ އިހްސާސްތައް އަޅުގަނޑުމެން ގާތުން ބަލައި އަޑު އަހައިފިން، އަޅުގަނޑުމެންނަށް ފެނުނީ ވޭތުވެދިޔަ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ މާޔޫސްކަން." ތަސްމީން ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެކައުންސިލުން ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި މާލޭ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑު މި ދަންނަވަނީ މާލޭ ސިޓީ ކައުންސިލް މިއަދު އެ އޮތީ ފޭލްވެފައޭ. މިއަދު މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކުގެ މަތި ވަނީ ކޮށިފައި. ހަމައެކަނި ކުނީގެ މައްސަލަ އަށް ބައްލަވާލި ކަމަށް ވިޔަސް މާލޭ ސިޓީ ކައުންސިލްގެ ހިދުމަތްތަކުގެ ފެންވަރު އަޅުގަނޑުމެންނަށް ވަޒަން ކޮށްލެވޭނެ،" ތަސްމީން ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވީ ކުރީގެ މާލޭ މުނިސިޕަލްޓީ ހިންގި ހޯމް މިނިސްޓްރީގެ މިނިސްޓަރު ކަމުގައި ވެސް އޭނާ ހުންނެވި ކަމަށާއި މާލޭގެ ރައްޔިތުންނަށް ކުނީގެ ކަންތައް ގައުމީ ބޮޑު މައްސަލައަކަށް ވެގެން އުޅުނު ތަނެއް އޭރު ނުފެންނަ ކަމަށެވެ.
ކުނީގެ ކަންތައްތަކަކީ ހިކުމަތްތެރިކަމާއި އިހުލާސްތެރިކަން ހުރެއްޖެ ނަމަ ހައްލު ކުރަން މާ އުނދަގޫ ކަމެއް ނޫން ކަމަށާއި މިއަދު މާލޭގެ ކަންކަން ގޯސްވެފައި ވަނީ ސިޓީ ކައުންސިލްގައި ތިއްބެވި ގިނަ ބޭފުޅުންގެ އިހުލާސްތެރިކަން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލް މެންބަރު ސަރަނގު އާދަމް މަނިކު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ތަސްމީން ވިދާޅުވީ ސަރަނގު އާދަމް މަނިކު ގިނިކަންޏާ ކުރެއްވި މަސައްކަތް އަނެއް 10 ކައުންސިލަރުންނަށް ވެސް ނުކުރެއްވޭތީ އަޖާއިބުވާ ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް. ހިދުމަތްތައް ލިބިގަތުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ، އިގުތިސޯދުގެ އަދި ވިޔަފާރީގެ މައި މަރުކަޒު. މާލެ އަކީ ވަކި ޕާޓީއެއްގެ ޖަގަހައެއްގެ ގޮތުގައި ހިންގާކަށް ހުރި ތަނެއް ނޫނޭ އިނގޭތޯ. އެކަމެއް މިއަދަކު މާލޭގެ ރައްޔިތުންނެއް ވެސް ދިވެހި ރައްޔިތުންނެއް ވެސް ބަލައެއް ނުގަންނާނެ،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުގައި މިއަދު ބޮއްސުންލާފައިވާ ކަންކަން ހައްލު ކުރެވޭނީ ތަޖުރިބާ ހުރި އަދި އިހުލާސްތެރި ޓީމަކަށެވެ. އަދި އެފަދަ ބޭފުޅުން ތިއްބެވީ ރައީސް ވަހީދާ އެކު ކަމަށް ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ