ރާއްޖޭގައި ކުރިން ވެސް ތިބެން ޖެހުނީ ސިޔާސީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި މިހާރު ވެސް އެބިރުވެރިކަން ރައްޔިތުންގެ ހިތަށް ވެރިވެފައިވާތީ، އޭރު ވެސް އަދި މިހާރު ވެސް ރާއްޖޭގައި ޑިމޮކްރަސީއެއްނެތް ކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މައުމޫން އެ މަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި އިސްލާހީ އެޖެންޑާ އަށް ހަތް އަހަރު ފުރުން ފާހަގަކުރުމަށް، މައުމޫނަށް ތާއީދުކުރާ ޒެޑް ފެކްޝަނުން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ޑިމޮކްރަސީ ގާއިމްކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުން ސިޔާސީ ބިރުވެރިކަމުން ސަލާމަތްކުރުން ކަމަށެވެ. މައުމޫން ވިދާޅުވީ އެއީ ގާނޫނާ ހިލާފުނުވާ ގޮތެއްގެ މަތިން އަމަލުތައް ބެހެއްޓުމުން އަދަބެއް އިންޒާރެއް ނުލިބޭނެ ކަމުގެ ޔަގީންކަން އޮތުމާއި ބޭނުންވާ ހިޔާލެއް ދުލާއި ގަލަމުން ފާޅުކުރެވޭނެ ކަމުގެ ޔަގީންކަން އެ މީހެއްގެ ހިތުގައި އޮތުން ކަމަށެވެ.
"ސިޔާސީ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްނުވާ އެއްވެސް ނިޒާމަކީ ޑިމޮކްރެޓިކް ނިޒާމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާހީ އެޖެންޑާގެ ދަށުން ގެންނަ މަސައްކަތްކުރި ޑިމޮކްރަސީ މިހާރު ވަނީ މަގުން ކައްސާލައި ތަނބުތައް ވީރާނާވެފަ އެވެ.
އެގޮތުން ދެ މިސާލެއް ދައްކަވަމުން ވިދާޅުވީ ރައީސްކަމަށް އިންތިހާބު ނުވަނީސް ގޭތެރޭގައި ދެއްކި ވާހަކައެއް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، އެމަނިކުފާނު ހަތަރު އަހަރު ދުވަހަށް އަރުވާލި ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުން އުޅެން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ބުނެވޭ ބަހަކުން ނުވަތަ ކުރެވޭ އިޝާރާތަކުން ވެސް ހަޔާތް ބަރުބާދުވެދާނެ ކަމުގެ ބިރު ރައްޔިތުންގެ ހިތްތަކުގައި އޮންނަ ކަމަށެވެ.
މިހާރުގެ މިސާލެއް ދައްކަވަމުން ވިދާޅުވީ ބައެއް ފަރާތްތަކުން ސިޔާސީ ޕޯޑިއަމްތަކުގައި އެމަނިކުފާނަށް ނިސްބަތްކޮށް ހިތުހުރިހާ އެއްޗެއް ގޮވާކަމަށެވެ. ނަމަވެސް އެގޮތަށް ވާހަކަދެކެވުނީ ވަޒީފާއާ އެހެން ކަންތައްތަކުގެ ބިރަށްޓަކައިކަން އިއުތިރާފްވެ "އެއްޗެކޭ ހީނުކުރެއްވުމަށް" ބައެއް ފަރާތްތަކުން އެދިފައިވާ ކަމަށް ޒައީމް ވިދާޅުވި އެވެ.
"މިކަން މިވަނީ މިހާރު ވެސް އަޅުގަނޑުމެން ސިޔާސީ ބިރުވެރިކަމުން ސަލާމަތްނުވެ ތިބީމާ. ކުރިން ދެންނެވިއިރު ވެސް ރާއްޖޭގައި ޑިމޮކްރަސީއެއް ނެތް. އަދި މިހާރަކު ވެސް ރާއްޖޭގައި ޑިމޮކްރަސީއެއް ނެތް،" ވެރިކަމުގެ ހަ ދައުރު ފުރިހަމަކުރެއްވި ކުރީގެ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމްކުރަން އެކުލަވާލެއްވި އިސްލާހީ އެޖެންޑާގައި ޑިމޮކްރަސީ ގާއިމްކުރަން ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ އޭގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިވެފައި އޮތުން ކަމަށެވެ. އަދި ގާނޫނުގެ ހުކުމް އަބަދުވެސް ހިނގައި އެންމެންވެސް ތަބާވުމަކީ ވެސް މުހިންމު އަސާސެއް ކަމަށް ޒައީމް މައުމޫން ވިދާޅުވި އެވެ.
ކުރީގެ ގާނޫނު އަސާސީގައި ވެރިކަން ކުރެވޭނެ މުއްދަތު ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުން ރައްޔިތުން އެމަނިކުފާނު ހަ ފަހަރަށް އިންތިހާބުކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހޮވާފައި ވަނީ ކިރިޔަކިރިޔާ އެއް ނޫން. އަދި ސަތޭކައަކުން 54 [ޕަސެންޓް] ލިބިގެނެއް ވެސް ނޫން. ދިވެހި ރައްޔިތުން އަޅުގަނޑު ހޮއްވަވާފައިވާ ކޮންމެ ފަހަރަކު ވެސް ދެއްވާ ސަތޭކައިން ނުވަދިއަށް ވުރެ މަތީގެ ވޯޓެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން އިސްލާހީ މަސައްކަތް ފެއްޓެވި ކަމަށެވެ. އެގޮތުން މަޖިލީހުގެ މެމްބަރުންނަށް އިމްތިޔާޒު ކަނޑައެޅުމާ ބެހޭ ބިލެއް ވެސް އެކުލަވާލީ އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ ތައުލީމަކީ ޑިމޮކްރަސީއަށް މަގު ފަހިކޮށްދިން އެންމެ މުހިންމު ބިންގާ ކަމަށާއި ތައުލީމެއް ނެތް ބަޔަކަށް ޑިމޮކްރަސީގެ މާނައެއް ނޭނގޭނެ ކަމަށް ވެސް މައުމޫން ފާހަގަކުރެއްވި އެވެ.
"ޑިމޮކްރަސީ އެއްވެސް ގައުމެއްގައި ގާއިމްކުރެވިފައި ނޯންނާނެ ތަނުގެ ރައްޔިތުން ތައްޔާރުވުމުގެ ކުރިއަކުން. ތައްޔާރުވާން ޖެހޭނެ. ޑިމޮކްރަސީއަކީ ދަސްކުރަން ޖެހޭ އަހުލުވެރިވާން ޖެހޭ އެއްޗެއް. އެއަކީ މީހާ އުފަންވާ ގޮތަށް އެނގިފައި އޮންނަ އެއްޗެއް ނޫން."
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ޑިމޮކްރަސީ ގާއިމްވެފައި ވަނީ އެންމެ އަހަރަކުން ނޫން ކަމަށާއި އެތައް އަހަރަކުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގައި ޑިމޮކްރަސީ ގާއިމްވަނީ އެތައް ސަތޭކަ އަހަރުގެ ތަޖުރިބާ އިން ކަމަށެވެ.
"ޑިމޮކްރަސީއަކީ ތަބަކަކަށްލާފައި ދިއްކޮށްލެވޭނެ އެއްޗެއް ނޫން. އެއީ ކޮންއެއްޗެއްކަން އެނގެން ޖެހޭ. ގަބޫލުކުރަން ޖެހޭ،" ޒައީމް ވިދާޅުވި އެވެ.
ޑީއާރުޕީގެ އެތެރޭގެ ބައިބައިވުމާ ބެހޭ ގޮތުން ވިދާޅުވީ އެމަނިކުފާނުގެ ރިއާސަތުގައި އެ ޕާޓީ ތެރޭގައި މިހާރު ކުރައްވަމުން ގެންދަވަނީ އިސްލާހީ މަސައްކަތްތަކެއް ކަމަށެވެ. އެ ޕާޓީގައި އިސްލާހަށް މަސައްކަތް ކުރައްވާތީ ބަޔަކު ހިތަށް އެރި އެއްޗެއް ކިޔައި އެމަނިކުފާނުގެ އިސްތަށިފުޅުގައި ބަދުނާމުއަޅުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިއުޅެނީ ޑީއާރުޕީ ބައިބައިކުރާކަށެއް ނޫން. އަޅުގަނޑު މިއުޅެނީކީ ޑީއާރުޕީ ހަލާކުކޮށްލާކަށް ނޫން. އަދި ޑީއާރުޕީ މެދުވެރިކޮށް އަޅުގަނޑުގެ އަމިއްލަ މަސްލަހަތުތަކެއް ހޯދާކަށެއް ވެސް ނޫން. އަޅުގަނޑު މިއުޅެނީ ވަކި މީހަކު ނަގައި ދައްކާކަށެއް ވެސް ނޫން،" ޒައީމް ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ޕްރައިމަރީ އަކުން ނޫނީ ރިއާސީ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނެވުމަށް ތާއީދެއް ނެތް ކަން މެމްބަރުންނަށް ހާމަކުރެއްވުމަށް މައުމޫން ވިދާޅުވީ "ތަބަކަކަށްލާފައި ކަމެއް މީހަކާ ހަވާލުކުރީމަ ވާނެގޮތް މިހާރު މިއޮތީ ފެނިފައި" ކަމަށެވެ. ދެން އެފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށާއި އެ ޕާޓީގެ ތެރެއިން ރިއާސީ އިންތިހާބަށް ނުކުންނަވަން ޖެހޭނީ މެމްބަރުން ބޭނުންވާ މީހަކު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ޑީއާރުޕީގެ ޒައީމަކު ބުނާ މީހެއް ނޫން. މެމްބަރުންގެ ވޯޓަކުން ހޮވޭ މީހެއް. އެހެން އިބާރާތަކުން ދަންނަވަންޏާ ޕްރައިމަރީއަކުން ހޮވޭ މީހަކު. އެކަމާ އަޅުގަނޑުމެން ބިރުގަންނާނެ ަކަމެއް ނެތް،" ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި އޮތް ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.
އަދި ޕާޓީ ހިންގަން ޖެހޭނީ ކައުންސިލުން ނުވަތަ ލީޑަރު ނިންމާ ނިންމުންތަކުގެ މައްޗަށް ނޫން ކަމަށާއި އާއްމު މެމްބަރުން ބޭނުންވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ޕާޓީ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ އާއްމު މެމްބަރުންނަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި 2013 ގެ އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރުމަށް އެ ޕާޓީ އަށް ވަނީ މަޖުބޫރުވެފަ އެވެ. ކާމިޔާބު ގޮތެއްގައި ޑިމޮކްރަސީ ކުރިއެރުވޭނީ ވެރިކަން ލިބިގެން ކަމަށާއި އެ ދުވަހަކުން ޑިމޮކްރަސީއަކީ ކޮންއެއްޗެއްކަން ރައްޔިތުންނަށް އެ ޕާޓީން ދައްކައިދޭނެ ކަމަށް ވެސް ވިދާޅުވި އަވެ. އަދި ވިދާޅުވީ އެ ދުވަހަކުން ވަޒީފާ ނުވަތަ އެހެން ހިދުމަތް ދިނުމައި ވެސް އަދާލަތު ޕާޓީ ނުވަތަ އެމްޑީޕީތޯ ޖުމްހޫރީޕާޓީއަކަށް ތަފާތެއް ނުކުރައްވާނެ ކަމަށެވެ.
"މިހާރު ހުރިހާ ކަމެއް އެމްޑީޕީގެ މީހުންނަށް. ވަޒީފާގެ ކުރިއެރުން ވެސް އެމްޑީޕީގެ މީހުންނަށް. ސަރުކާރުގެ ބޮޑެތި މަސައްކަތްތައް ވެސް އެމްޑީޕީ މީހުންނަށް. ސަރުކާރުގެ ފައިސާ ބޭނުން ގޮތަކަށް ބޭނުންކުރުމުގެ އިހްތިޔާރާއި މިނިވަންކަން ވެސް އެމްޑީޕީ މީހުންނަށް. އަޅުގަނޑުމެން ސަރުކާރާ ހަވާލުވާ ދުވަހަކުން އިރާދަކުރެއްވިއްޔާ އެގޮތަކަށް އެއްވެސް ކަމެއް ނުހިނގާނެ،"ޒައީމް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ވާހަކަފުޅު ނިންމަވާލެއްވީ އެމްޑީޕީގެ ރައީސަކަށް ވުމުގެ ބަދަލުގައި މުޅި ގައުމުގެ ރައީސަށް ވުމަށް ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް ގޮވާލައްވަމުންނެވެ. އަދި ހުރިހާ ރައްޔިތުން ދެކެ އެއްވަރަކަށް ލޯބިވެ، ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުން ކަންތައްކޮށްދެއްވުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.
އޭރު ވެސް މިހާރު ވެސް ޑިމޮކްރަސީއެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ