ފާރިސް މައުމޫން އޭސީސީއަށް ހާޟިރުކޮށް، ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޟިރުކޮށް ސުވާލުކޮށްފިއެވެ.
އޭނާ ހާޟިރުކޮށްފައި އެވަނީ ފާރިސް އިސްވެ ހުންނަވައިގެން މަޖިލިސްގެ ރައީސްގެ ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ހެނދުނު 10:15އަށް އޭސީސީއަށް ހާޟިރުވުމަށްފަހު ފާރިސް ވިދާޅުވީ އޭސީސީން ތަހްގީގު ކުރަނީ އެމަނިކުފާނާއި ގުޅުން ހުރި މައްސަލައެއް ނޫންކަމަށާއި އެ ކޮމިޝަނަށް ބޭނުންވާ މަޢުލޫމާތެއް ސާފުކުރުމަށް ކަމަށެވެ.
ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ އެ މައްސަލައިގެ ތަފްޞީލު ހާމަކުރައްވާފައެއް ނުވެއެވެ.
ފާރިސް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށް ފަށާފައިވާ މަސައްކަތާއި ގުޅިގެން ޖަލަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ފާރިސް މައުމޫން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޟިރު ކުރުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދު ވަނީ ފާރިސްއަށް ހިތްވަރު ދެއްވާ ޓްވީޓް ކުރައްވާފައެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ހިތްވަރު ގަދަކުރުމަށާއި މުޅި ޕީޕީއެމް އޮތީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އެކުކަމަށް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ