ވާދޫގައި 50 އެނދުގެ ގެސްޓް ހައުސްއެއް ތަރައްގީކުރުމަށް ރަށު ކައުންސިލް އިދާރާ އިން އިއުލާނުކޮށްފި

ގދ. ވާދޫގައި 50 އެނދުގެ ގެސްޓް ހައުސްއެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ވާދޫ ރަށު ކައުންސިލް އިދާރާ އިން އިއުލާނުކޮށްފި އެވެ.
ވާދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ޝިޔާޒް ވިދާޅުވީ އެ ރަށުގެ ހުޅަނގު ދެކުނު ސަރަހައްދުގައި ރިސޯޓް ކޮންސެޕްޓަށް ތަރައްގީކުރާ މި ގެސްޓް ހައުސްގައި ހިމެނޭނީ 25 ކޮޓަރި ކަމަށެވެ.
"ލާމަރުކަޒީ ގާނޫނުގައި ވާގޮތުގެ މަތިން ހުއްދަ ނަގަން ޖެހޭ ސަރުކާރުގެ އިދާރާތަކުން ހުއްދަ ނަގައިގެން އެކަންތައް ކުރާނީ. ގާނޫގައި އޮންނަނީ އެކަންތައް އަޅުގަނޑުމެންނަށް ކުރެވޭ ގޮތަށް. އަޅުގަނޑުމެން މިހާރު ވާނީ ޓޫރިޒަމް މިނިސްޓްރީ އަށް ވެސް އެކަމަށް އެދި ސިޓީ ފޮނުވާފައި. އެތަނުން ވިދާޅުވީ މިހާރު އެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް. ހައުސިން މިނިސްޓްރީން މިހާރު ވަނީ ބިން ހަމަޖެހިފައިވާކަމުގެ އެޕްރޫއަލް އަށްވެސް ހުށައަޅާފައި،" ޝިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ އެ ރަށުގައި ގެސްޓް ހައުސްއެއް ތަރައްގީ ކުރުމުން އަހަރެއްގެ މައްޗަށް އަށް ލައްކަ އާއި ނުވަ ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ރަށަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
"މިހާރު ކުރިއާ ބަލާއިރު އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ގިނަ. މި ރަށާ އެންމެ ކައިރީގައި މިހާރު ހަދަމުން އެދާ ވަޓަވައްރެއާ އާއި މަގޫދުއާ ރިސޯޓް ހުޅުވުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ. އަޅުގަނޑުމެން އެ ރިސޯޓްތަކުގެ މެނޭޖްމަންޓާ ވެސް ވާހަކަ ދައްކަމުން މިދަނީ ރަށަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށް،" ޝިޔާޒް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސަރު ފަސީހް ޒާހިރު ވިދާޅުވީ ވާދޫ ކައުންސިލުން ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބީލަމަށް ލުމުގެ ހުއްދަ އަށް އެ މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވާ ކަމަށެވެ.
ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ވާގޮތުން ދިވެހިރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރާނެ ސަރަހައްދުތަކާއި ރިސޯޓް ހަދާނެ ރަށްރަށާއި ޔޮޓް ބަނދަރުހަދާނެ ތަންތަން ކަނޑައަޅާނީ ރައީސުލްޖުމްހޫރީއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ