ސްކޫލް ކުދިންގެ ޤުރުއާން މުބާރާތުގައި 431 ދަރިވަރުން ބައިވެރިވޭ- ޤުރުއާނާއި ބެހޭ މަރުކަޒު
މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްކޫލް ކުދިންގެ ޤުރުއާން މުބާރާތުގައި ހަތްދިހަ އެއް ސްކޫލަކުން 431 ދަރިވަރުން ބައިވެރިވާކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެވެ.ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ސައުވީސް ވަނަ ދުވަހު އަރަބިއްޔާ ސްކޫލްގަައެވެ. މި މުބާރާތުގައި ހަތްދިހަ އެއް ސްކޫލުން 431 ދަރިވަރުން ބައިވެރިވާއިރު، މި އަހަރުގެ މުބާރާތުގައިވެސް ޤުރުއާން ކިޔެވުމަށް ހަމަޖެހިފައިވަނީ ތިން ގޮތްޕަކަށް ބަހާލައިގެންނެވެ.މީގެ ތެރޭގައި ހިމެނެނީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕާއި ހާފިޡުންގެ ގޮތްޕެވެ. މި ތިންގޮފި ތިން ބަޔަކަށް ބަހާލާފައިވާއިރު ބަލައިގެން ކިޔެވުމުގެ ބައިގައި ވިދިވިދިގެން 5 ފޮތާއި 10 ފޮތާއި 15 ފޮތުން ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމެނެއެވެ. ހިތުން ކިޔެވުމުގެ ބައިގައި ހިމެނެނީ ވިދިވިދިގެން 2 ފޮތާއި، 4 ފޮތާއި، 6 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުމެވެ. އަދި ހާފިޡު ކަމުގެ ބައިގައި މުޅި ޤުރުއާން ހިތުދަސްވެފައިވުމާއެކު ތަޖުވީދު ހަމަތަކުން ކިޔެވުން ހިމެނެއެވެ.މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފަސް ދަންފަޅިއަކަށް ބަހާލަައިގެންނެވެ. ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގެ ފަނޑިޔާރުކަން ކުރުމަށް ކޮންމެ ގޮތްޕެއްގައިވެސް ފަސް ފަނޑިޔާރުން ތިބޭނެ ކަމަށެވެ.އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތުގައި ސްކޫލް ދަރިވަރުންގެ އިތުރުން، އެންމެ މޮޅު ސްކޫލްތައް ހޮވުމަށްވެސް ނިންމާފައިވާކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ. މި އަހަރުގެ ޤުރުއާން މުބާރާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްވާ އިނާމާއި އިސްލާމިކް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވާ އިނާމު ހިމެނެއެވެ. ސްކޫލްކުދިންގެ ޤުރުއާން މުބާރާތަކީ ކީރިިތި ޤުރުއާނުގެ ފަންނު ދިރުވާ ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރުމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ބާއްވާ މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ