ފެންނަމުން މިދަނީ ދައުލަތުގެ ދެ ބާރުގެ ބާރު ކަނޑުވާލާފައިވާ ތަން: ގާސިމް

މިއަދު ފެންނަމުން މިދަނީ ދައުލަތުގެ ތިންބާރުގެ ތެރެއިން ދެ ބާރުގެ ބާރު މުޅިން ކަނޑުވާލާފައިވާ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބޭސް ފަރުވާއަކަށް މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ގާސިމްގެ ޓްވީޓްގައި އެމަނިކުފާނު ވަނީ މި އަނިޔާވެރި އަމަލު މި ހިންގަނީ ސަރުކާރު ހިންގުމުގެ ބާރުން ނޫން ކަމަށް ހަމައާއި އިންސާފުން ވިސްނާ މީހަކު ބުނެފައިވާތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުގެ ތިން ބާރަކީ ޝަރުއީ ދާއިރާއާއި ސަރުކާރު ހިންގާ ފަރާތާއި އަދި ގާނޫނު ހަދާ ފަރާތް ނުވަތަ ރައްޔިތުންގެ މަޖިލީހެވެ.
އެހެންކަމުން ދައުލަތުގެ ދެ ބާރުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ގާސިމް އެ އިޝާރާތް ކުރައްވަނީ ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ ދައުލަތުގެ ތިން ބާރުގެ މެދުގައި ކޯޅުންތަކެއް ހިންގަމުންދާއިރު ގާސިމް ވަނީ ގާނޫނީ އިމުގެ ތެރެއިން ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރުރުމަށާއި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ