"އައްނޫރުލް މުބީން" ގެ ނަމުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމުދީފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް ހަނދާނީ ފިލައާއި، ސެޓްފިކެޓާއި، އިނާމު ދެއްވާފައިވެއެވެ.
މުޅި މުބާރާތުން 1 ވަނައަށް ހޯދީ، މުބާރާތުގައި ކުވައިތު ތަމްޘީލުކުރި ޢަބްދުﷲ މުޙައްމަދު ޚާތިމް މުޙައްމަދު އަލް ޚައްޔާތެވެ. އޭނާއަށް އިނާމާއި ތަށްޓާއި، ސެޓްފިކެޓް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.
"އައްނޫރުލް މުބީން" ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުން ދެވަނަ ހޯދީ ތުރުކީން ބައިވެރިވި ހާމިތު އަވްސަރެވެ. މުބާރާތުން ތިންވަނަ ލިބުނީ ރާއްޖެއިން ބައިވެރިވި އަޝްރަގު ނާޒިރަށެވެ.
މުޅި މުބާރާތުން އެއްވަނައަށް ހޮވުނު ބައިވެރިޔާއަށް އިނާމެއްގެ ގޮތުގައި 30،000 އެމެރިކާ ޑޮލަރު، ދެވަނައަށްދިޔަ ބައިވެރިވާއަށް 15،000 އެމެރިކާ ޑޮލަރު އަދި ތިންވަނައަށްދިޔަ ބައިވެރިޔާއަށް 5000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ސަރުކާރުން ދެއްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަށް ރާއްޖޭގައި މި ބޭއްވުނު "އައްނޫރުލް މުބީން" ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި، އިސްލާމިކް މިނިސްޓްރީއާއި، ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެންނެވެ.
ރާއްޖޭގެ އިތުރުން ސޫދާނާއި، ތުރުކީއާއި، ސައުދީ އަރަބިއްޔާ، ޕާކިސްތާން، މެލޭޝިޔާ، ކުވެއިތު، މިސްރު އަދި ބަންގްލަދޭޝްއިންވެސް މިމުބާރާތުގައި ބައިވެރިވިއެވެ.
"އައްނޫރުލް މުބީން" ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ސޫދާން، ޕާކިސްތާން، މެލޭޝިޔާ، ޔަމަން އަދި ރާއްޖޭގެ ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ 5 ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
ޤުރުއާން މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާއާއި ގުޅުވައިގެން ބޭއްވި ރަމަޟާންމަސް އިޙްޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް ދަރުސް ދެއްވިއެވެ.
މުފްތީ އިސްމާޢީލް މެންކް ދަރުސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ކީތިރި ޤުރުއާން ކިޔެވުމުގެ މުހިންމުކަމާ ބެހޭގޮތުންނެވެ. އެގޮތުން ﷲ ގެ ބަސްފުޅު ކީރިތި ޤުރުއާން ކިޔެވުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނޭ ކަމެއް ކަމަށް ވިދާޅުވެ، ޤުރުއާން ކިޔެވުމަކީ ހިތްތަކަށް ރޫހާނީ ޝިފާ ލިބޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުގެ އެއްވަނަ ކުވައިތުގެ އަބްދުﷲ މުހައްމަދު ޚާތިމް މުހައްމަދު އަލްޚައްޔާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ