ކަރަންޓީނު ފުރިހަމަވުމުން ނޫނީ މުވައްޒަފުން މަސައްކަތަށް ނުނެރެން އަންގައިފި

ރިސޯޓުތަކަށް އެނބުރި މަސައްކަތަށްދާ މުވައްޒަފުން ކަރަންޓީނު ފުރިހަމަކޮށް، ކޮވިޑް-19 ގެ ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ މަސައްކަތުގެ މާހައުލަށް ނެރެގެން ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވެއްޖެއެވެ.
ރައްޒާން މިހެން ވިދާޅުވެފައިވާއިރު މި ދުވަސްވަރު ރިސޯޓުތަކުގެ މުވައްޒަފުން ގިނަ އަދަދަކަށް އަންނަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޒާން ވިދާޅުވީ މިހާރު މި ފެންނަ ގިނަ ކޭސްތަކަކީ، ކުރިން ފަތުރުވެރިންގެ ތެރެއިން ފެނުނު ކޭސްތަކާ ހިލާފަށް މުވައްޒަފުންގެ ތެރެއިން ފެންނަ ކޭސްތަކެއް ކަމަށާއި ގިނަ ރިސޯޓުތަކަކުން އެއްފަހަރާ ނުފެނުނު ކަމުގައި ވީނަމަވެސް އެއް ރިސޯޓުން ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު އިތުރުވެގެންދާ ކަމަށެވެ.
އަދި ކޭސްއެއް ފެންނަ ހިސާބުން އެޗްޕީއޭގެ ޓީމުތަކާއި އަދި ރިސޯޓުގެ މެޑިކަލް ޓިމުތަކާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ވަގުތުން ފަށާ ކަމަށާއި ކޮންޓެކްޓުންނާއި ޕޮޒިޓިވްވާ މީހުން ކަރަންޓީނުކޮށް، ކޮންޓެކްޓުވާ މީހުން ވެސް ވަގުތުން ޓެސްޓު ކުރާ ކަމަށް ރައްޒާން ވިދާޅުވިއެވެ.
މީގެއިތުރުން ކޭސްތައް ގިނަވެ އެ ރިސޯޓަކީ އެންމެ ރައްކާތެރިކޮށް ޚިދުމަތް ދެވިދާނެ ތަނެއް ކަމަށް ނުފެންނަ ހާލަތައް އެ ރަށެއް ގޮސްފިނަމަ އެ ރަށަށް އަރާ ފޭބުން ހުއްޓުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު އެ ރަށަކަށް އަލަށް އައުމަށް ބުކިން ހަދާފައިވާ ފަތުރުވެރިން އެހެން ތަންތަނަށް ޑައިވާޓްކުރުން ފަދަ އެތައް އުނދަގޫ ކަމަކާއި ކުރިމަތިލާން ޖެހޭކަން ރައްޒާން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އިލްތިމާސް މިކުރަނީ ގައިޑްލައިންތަކުގައި ހުރި ކަންތައް ފޮލޯ ކޮށް، ވަކިން ހާއްސަކޮށް ރާއްޖެއިން ބޭރުންނާއި މާލެ ސަރަހައްދުން ރިސޯޓުތަކަށް އެނބުރި މަސައްކަތަށް ދާ މުވައްޒަފުންގެ ކަރަންޓީނު ކަންތައް އެ އޮންނަ ރަނގަޅު ގޮތުގައި ކުރުމަށް، 10 ދުވަހުގެ މެންޑޭޓަރީ ކަރަންޓީނު އެއްވެސް އިތުރު ފަރާތަކާ ކޮންޓެކްޓު ނުވެ، ފުރިހަމަ ކޮށް ޓެސްޓު ކޮށް ނެގެޓިވް ނަތީޖާ އަކާއެކު ނޫނީ މަސައްކަތުގެ މާހައުލަށް، ނެރެގެން ނުވާނެ" ރައްޒާން ވިދާޅުވިއެވެ.
ގައިޑްލައިންތަކުގައި ހުރި ކަންކަމަށް އަމަލުކުރާނަމަ މުވައްޒަފުންގެ މެދުގައި ބަލި ފެތުރުން ނާދިރު ކަމަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ