ގަމުން ކަރަންޓް ކެނޑުން އާންމުވެ ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެ

ލ.ގަމުގެ ތުނޑީ އަވަށަށް ކަރަންޓް ދޭން ބޭނުން ކުރާ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެ ބުދަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ 30 މިނެޓަކުން ކަރަންޓް ކަނޑަމުން އެބަގެންދެއެވެ.
ގަމުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ކަރަންޓް ކަނޑަމުން ގެންދާތީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"ކިތަންމެ ދުވަހެއް ކަރަންޓްގެ މައްސަލަ ދިމާވާތާ. ދޭތެރެއަކުން މައްސަލަ ހައްލުކޮށް ދުވަސްކޮޅަކު އޮވެދާނެ ކަރަންޓް ލިބިފައި. ދެން އަނެއްކާ މިކެނޑެން ފަށަނީ. ކަރަންޓްގެ ހާލަތު ވަރަށް ދަށް." މައުލޫމާތު ދިން މީހާ ބުންޏެވެ.
އިތުރު މީހަކު ބުނީ ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ހުރި އިންޖީނުގެ އާއި ތުނޑީ އަވަށާއި ގުޅާލާ ރަށަށް ކަރަންޓް ފޯރުކޮށްދޭން ފެށިއިރު ތުނޑީ އަވަށުގައި ބެކަޕް ޖަނަރޭޓަރެއް ވެސް ހުރި ކަމަށާއި ނަމަވެސް ޖަނަރޭޓަރުތަކުގެ ހާލަތު ދަށަށް ގޮސް މިހާރު ބެކަޕް ޖަނަރޭޓަރު ވެސް ބޭނުން ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
"ރަށުގައި މިހިރީ ކިރިއާ ކަރަންޓް ދެވޭ ވަރުގެ ކެޕޭސިޓީ. ތެޔޮ ބަދަލު ކުރަނީ ވެސް ރަށުން ކަރަންޓް ކަނޑާލައިގެން. މިހާލެއްގައި މިހާރު އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ." ގަމުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގަމުން ކަރަންޓް ކެނޑޭ މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އަށް މިއަދު 11:00 ހާއިރު "ވަގުތު" އިން ގުޅުމުން ވިދާޅުވީ ގަމުގެ ކަރަންޓަށް ދިމާވި މައްސަލައަށް މިހާރު ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށާއި މިވަގުތަށް ދެން ގަމުން ކަރަންޓް ނުކެނޑޭނެ ކަމަށެވެ.
ނަަމަވެސް "ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި އޭގެ ފަހުން ވެސް ގަމުގެ ތުނޑީ އަވަށުން ވަނީ ކަރަންޓް ކެނޑިފައެވެ.
ޝަރީފް މިއަދު "ވަގުތަށް" ވިދާޅުވީ ގަމުގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ގެނެވެން އޮތީ އާކޭބަލް އަޅައިގެން ކަމަށެވެ. އަލަށް އަޅަން ޖެހެނީ އެޗްވީ ކޭބަލް ކަމަށާއި އެއީ ބޭނުން ވަގުތެއްގައި ގަންނަން ލިބެން ހުންނަ ކޭބަލެއް ވެސް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޭބަލް އަޅައިގެން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވުމުން މިހާރު ކަރަންޓް ކެނޑެނީ ކޭބަލްގެ މައްސަލައަކާއި ގުޅިގެންތޯ "ވަގުތު" އިން ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ މިހާރު ކަރަންޓް ކެނޑެނީ ކޭބަލްގެ މައްސަލައަކާއި ގުޅިގެން ނޫން ކަމަށާއި ނަމަވެސް ދާއިމީ ހައްލެއް ލިބެން އޮތީ އާކޭބަލް އަޅައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ