އުމަރު އެ އުޅުއްވަނީ ޕާޓީގެ ތަސައްވަރު ކިލަނބު ކުރާން: ސުލޫކީ ކޮމެޓީ

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީން އުމަރު ނަސީރު ބަލިވެވަޑައިގަތުމަށް ފަހު ދައްކަވަމުން އެ ގެންދަވާ ވާހަކަތަކަކީ އެ ޕާޓީއާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ތަސައްވަރު ކިލަނބު ކުރާން އަމިއްލައަށް އުފައްދަވައިގެން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް)ގެ ސުލޫކީ ކޮމެޓީން ބުނެފިއެވެ.
ރޭ ވީޓީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔަ ދުވަހު ބ. ތުޅައިދޫގައި ވޯޓު ފޮއްޓެއް ނުބަހައްޓާ ކަމަށާއި، އަދި ވޯޓު އޮޅުވާލި ކަމަށް ބުނެ އުމަރު އެ ދައްކަވާ ވާހަކަތަކާއި، އަދި އަބްދުﷲ ޔާމީން އޭ ކިޔައިގެން އެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަން އެ ކޮމެޓީން ބެލި ބެލުމުން ސާބިތު ވެފައިވާ ކަމަށެވެ.
"....އުމަރު އެ ދައްކަވާ ވާހަކަތަކަކީ ޕާޓީގެ ތަސައްވަރާއި، ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ތަސައްވަރު ކިލަނބު ކުރުމަށް ހަމަ އުފައްދަވައިގެން ދައްކަވާ ހަގީގަތާއި ޚިލާފު ވާހަކަތަކެއް. އެހެންވީމަ އެ އަށްވުރެ ބޮޑު ކުށެއް ވަކީން ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމަރު އެ ގޮތަށް ވާހަކަ ދެއްކެވީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށް ސުލޫކީ ކޮމެޓީއަށް ފާހަގަ ކުރެވިފައިވާތީ އޭނާގެ ޖަޒުބާތު ފިނިކުރުމަށް މިހާރު ދީފައި އެވާ ހަތް ދުވަހުގެ މުހުލަތު ހަމަވުމަށް ފަހު ދެން އިތުރު ގޮތެއް ނެތިއްޖެ ނަމަ ވަކި މީހަކަށް ބެލުމެއް ނެތި ގަވައިދުގައިވާ ގޮތުގެ މަތީން އުމަރާ މެދު ފިޔަޅު އަޅާނެ ކަމަށެވެ.
"ޖަޒުބާތު ފިނި ކުރާން މިހާރު އުމަރަށް އެވަނީ ހަތް ދުވަހުގެ މުހުލަތެއް ދީފައި. އަޅުގަނޑު އުއްމީދު ކުރަނީ އެ މުއްދަތުގެ ތެރޭގައި ޕާޓީގެ އަސާސީ ގަވައިދުގެ ތެރެއަށް އުމަރު ވަޑައިގަންނަވާނެ ކަމަށް. ވަޑައި ނުގެންފިނަމަ ދެން އޮތް އެހެން ފިޔަވަޅުތައް އެޅުމަކަށް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން،" އަޒީ ވިދާޅުވިއެވެ.
އުމަރު ނަސީރު ޕީޕީއެމުން ވަކިކުރާން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި ކަމަށް ބުނެ ޕީޕީއެމްގެ ބައެއް އިސް ފަަރާތް ތަކުން މީޑިއާ ތަކަށް މައުލޫމާތު ދީފައި އެވަނީ އުމަރު ކުރެއްވި ކުށުގެ ބާވަތުން އޭނާ އާ މެދު އެނޫން ފިޔަވަޅެއް ނާޅާނެ ކަމަށް އެ ބޭފުޅުން ވެސް ބައްލަވައިފައި ކަމަށް ވެސް އަޒީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ