ގާސިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ބަލައިގަތުމާމެދު ކޯޓުން އަދި ގޮތެއް ނުނިންމާ: ހިސާން
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފައިވީ ނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ. މިއަދު މ. ކުނޫޒުގައި ގާސިމްގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅީ މިމަހުގެ 10 ވަަނަ ދުވަހު ކަމަށެވެ. ހައިކޯޓަށް އިސްތިއުނާފުގެ ލިޔުންތައް ލިބިފައިވާ ކަން އެ ކޯޓުން އަންގާފައިވީ ނަމަވެސް، އިސްތިއުނާފު ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝަރީއަތް ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ހޯދުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވީ ނަމަވެސް އަދިވެސް އެ ރިޕޯޓު ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އިސްތިއުނާފަށް ހުށަހެޅީ ހަމައެކަނި ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ. "ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން އިސްތިއުނާފު ހުށަހެޅި ސަބަބަކީ އިސްތިއުނާފު ހުށަހެޅުމަށް އޮތް މުއްދަތު ފަހަނައަޅައި ދިއުމުން އެ ބޭފުޅުން ގާސިމް އިބްރާހީމަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ނުދެއްވަފާނެތީވެ،" ހިސާން ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެން އެ ފުރުސަތު ނަގާލަން ބޭނުން ނުވާތީވެ ހުލާސާ ރިޕޯޓާ އެއްކޮށް އިސްތިއުނާފު ހުށަހެޅީ. އަޅުގަނޑުމެން ބޭނުންވާ އެންމެ ފުރިހަމަކޮށެއް ނޫން އެކަން ކުރެވުނީ، އެއީ ފުލް ރިޕޯޓު ލިބިފައި ނުވާތީ،" ހިސާން ވިދާޅުވި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ، ގާސިމަށް ލިބެން ޖެހޭ ބޭސްފަރުވާގެ ފުރުސަތުތައް ނިގުޅައިގަނެ، ކްރިމިނަލް ކޯޓުގެ ހުކުމާ ޚިލާފަށް ކަންތައްތައް ކުރަމުންދާތިީއެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އޭގެ އިތުރުން އެ މައްސަލާގައި މިހާރުން މިހާރަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް އެދި ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ހުސައިން ޝަމީމް ވިދާޅުވީ، ކަރެކްޝަންސް އިން އެންމެ ފަހުން މުއްދަތު އިތުރުކޮށްދީފައިވަނީ، ބޭސްފަރުވާ ކުރުމަށް ނޫން ކަމަށާއި، އެއީ އެނބުރި އައުމަށް ކުރަންޖެހޭ ކަންތައްތައް ކުރަން އިތުރު ކޮށްދީފައިވާ ދުވަސްތަކެއް ކަމަށެވެ. އޭނާގެ ވާހަކަފުޅުގައި ކޯޓުން ގާސިމް ބޭރަށް ފޮނުވި ޓެސްޓު ހެދެން އޮތީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެ ޓެސްޓު ހަދައިގެން މިހާރު ހަދާފައިވާ ޓެސްޓުގެ ރިކަވަރީއަށް މިއަދުން ފެށިގެން 90 ދުވަސް ބޭނުންވާ ކަމަށް ވިދާޅުވެ ޑޮކްޓަރު ލިޔުން ދެއްވާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުން ވިދާޅުވީ، ބަލި ހާލަތަށް ނުބަލައި އަނބުރާ ރާއްޖެ ވަޑައިގަތުމަށް ގާސިމް ނިންމެވި ކަމަށާއި، އެގޮތުން ރާއްޖެ ވަޑައިގަތުމަށް ޓިކެޓް ނަގައި އެއާޕޯޓަށް ވެސް ވަޑައިގެން ކަމަށެވެ. އެހެން ނަމަވެސް ޑޮކްޓަރުންގެ ލަފާއަށް ބަލައި ގާސިމް އަށް ސިންގަޕޯ އެއާލައިންސް އިން ދަތުރު ކުރުމުގެ ހުއްދަ އެ އެއާލައިނުން ނުދިން ކަމަށް ވަކީލުން ވިދާޅުވި އެވެ. އޭގެ އިތުރުން ކަރެކްޝަންސް އިން ދީފައިވާ ޓްރެވަލް ޑޮކިއުމަންޓުގައި ސިންގަޕޯ އެއާލައިންސް ނޫން އެހެން އެއާލައިންއަކަށް އެރުން މަނާ ކޮށްފައިވާ ކަމަށްވެސް ގާސިމްގެ ވަކީލުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ