ގާސިމް "ފިއްލެވީ" ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް - ކަރެކްޝަންސް

ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިގެންފައިނުވާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "ފިއްލެވީ" ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ގާސިމް އަނބުރާ ރާއްޖެ ގެނައުމަށް އުސޫލުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށާއި އެގޮތުން އެކަން ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށެވެ.
"ފަރުވާ ހޯދަން ދިން މުއްދަތު ހަމަވުމުން ރާއްޖެ ވަޑައިނުގެންފި ނަމަ ބަލަނީ ފިލައިގެން އުޅޭ މީހެއްގެ ގޮތަށް" އޮފިޝަލް ވިދާޅުވިއެވެ.
ގާސިމް ބޭސްފަރުވާއަށް ދިން މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ. ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްނުދޭން ކަރެކްޝަންސް އިން މިހާރު ވަނީ ނިންމާފައެވެ.
ގާސިމްގެ ވަކީލުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ގާސިމްގެ ޢާއިލާއަށް އަންގާފައިވަނީ، 2 އޮކްޓޯބަރ ގެ ކުރިން ގާސިމް މާލެ ގެނެސް އެސަރވިސްއާ ޙަވާލުކުރުމަށް ކަމަށާއި ނަމަވެސް، ގާސިމް އަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީންވެސް ކަނޑައަޅާފައިވާތީ އާއި ގާސިމްގެ މެޑިކަލް ސްޓޭޓަސްއަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އޭނާ އަށް އިއްޔެ ވެސް އަންގާފައވަނީ ދަތުރު ނުކުރެވޭނެކަމަށެވެ.
އެހެންކަމުން ސިންގަޕޫރުން މާލެއަށް ގާސިމަށް ދަތުރުކުރުމުގެހުއްދަ އެއަރލައިނުން ދީފައިނުވާކަން ވާނީ ކަރެކްޝަނަލް ސަރވިސްއަށް އަންގާފައި ކަމަށް ވަކީލުންގެ ބަޔާނުގައި ބުންޏެވެ.
ކަރެކްޝަން އަށް ހުށަހަޅާފައިވާ ގާސިމްގެ ޑޮކްޓަރުންގެ މެޑިކަލް ރިޕޯރޓް ގައިވާ ފަދައިން ގާސިމްގެ ހިތުގެ އީ.ޕީ.ސްޓަޑީ (މާލޭގެ ޑޮކްޓަރުން ލަފާ ދެއްވާފައިވާ ޓެސްޓް) ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލުގައި ހެދުމަށް  19 އޮކްޓޯބަރ އަށް ޝެޑިއުލް ކޮށްފައިވާކަމާއި، އީ.ޕީ.ސްޓަޑީ އަށްފަހުވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރުގައި ހުންނަންޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަންވެސް ވާނީ ކަރެކްޝަނަލް ސަރވިސްއަށް އަންގާފައި ކަމަށް ވަކީލުން ބުނެއެވެ.
މީގެއިތުރުން ވަކީލުން ވަނީ ފަންނީ ޑޮކްޓަރުންގެ ލަފަޔާއި، އަދި ކްރިމިނަލް ކޯޓުން ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޮށްފައިވާ ހުކުމާއި، ކަރެކްޝަން ސާވިސްގެ ފަރާތުން ތަބާވާންޖެހޭ ޤާނޫނީ އޮނިގަނޑުގައި އެފަރާތުގެ މައްޗަށް ޢަމަލުކުރަން ލާޒިމުކުރާ އުޞޫލުތަކާ އެއްގޮތަށް ގާސިމަށް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަގެ ފުރަޞަތު ދެއްވުމަށް ކަރެކްޝަނަލް ސަރވިސް އަށާއި ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ފުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ