ރާއްޖެއިން އަދާކުރަންޖެހޭ ދަރަނި އަދާކޮށްފައިވަނީ ދިވެހި މަލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ޤައުމަށް އެއްވެސް ފައިދާއެއް ނުވާ އަދި ޤައުމުގެ ހަރުމުދާ ރަހުނުކޮށްގެން ނަގާފައިވާ ދަރަނިތަކެއް ސަރުކާރަށް ދައްކަންޖެހުނު ކަމަށެވެ. އެގޮތުން މީގެ 2 އަހަރު ކުރިން ސަރުކާރާ ހަވާލުވީއިރު ބައިނަލްއަޤުވާމީ އިދާރާތަކުންވެސް ބުނަމުންދިޔައީ ރާއްޖޭގެ މާލީ ހާލަތު އޮތީ ނާޒުކު ހާލަތެއްގައިކަމަށެވެ. އެހެންކަމުން ސަރުކާރުން އެންމެ ފުރަތަމަވެސް އިސްކަމެއްދިނީ އިޤްތިޞާދުގައި ހުރި މައްސަލަތައް ހައްލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބުރާސްފަތި ދުވަހު ސުކޫކު ދައްކާ ނިންމާލީ އެއްވެސް ފައިސާއެއް ޗާޕުނުކޮށް، ޤައުމު ދަރުވާނުލާ، މުވައްޒަފުންގެ ޢިނާޔަތްތައް އުނި ނުކޮށް ރިކޯޑު މިންވަރަކަށް ރާއްޖޭގެ ރިޒާވް އިތުރުކުރަމުންކަމަށެވެ.
"އަޅުގަނޑުމެން ދަރަނި ދައްކާ ނިންމާލީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި. އަޅުގަނޑުމެން އަބަދުވެސް މިދައްކަނީ ކޮންވާހަކައެއްތޯ؟ އަޅުގަނޑުމެން ހުސްވާހަކައެއް ނުދައްކާނެ، އަޅުގަނޑުމެން އަންނާނީ ނަތީޖާއާއެކުގައި." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާދަމާ ނަގާ ވޯޓަކީ ޤައުމީ ވިސްނުމެއްގައި ދޭ ވޯޓަކަށް ހަދަންޖެހޭކަމަށެވެ. އަދި މާދަމާ ނަގާ ވޯޓާ ގުޅިގެން މުސްތަޤުބަލުގެ ޖީލުތަކުން ސުވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދަރަނި އަދާކޮށް ނިންމާލީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ