ހަވީރު ނޫސް ނެރުމަށް ކުރަން ޖެހޭ މަސައްކަތް ސަރުކާރުން މާދަމާ ފަށާނަން: އުމަރު

ސިވިލް ކޯޓުގެ ވަގުތީ އަމުރަކާ ގުޅިގެން އޮޕަރޭޓްކުރުން ހުއްޓާލާފައިވާ ހަވީރު ނޫސް އަލުން ފެށުމަށް، ސަރުކާރުން މާދަމާ މަސައްކަތް ފަށާނޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ދިޓީވީގެ ހަބަރުތެރެއިން ޕްރޮގުރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ދުވަސްވީ، އަދި އެހާމެ ވަރުގަދަ ނޫހެއް ހުއްޓިގެންދާން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އެގޮތުން، މިހާރު އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހިފައިވާކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާވެސް މަޝްވަރާކުރައްވާފައިވާކަމަށް އުމަރު ވިދާޅުވިއެވެ. "ސަރުކާރުން މިހާރު ނިންމާފައި ވަނީ މީގެ ތެރެއަށް ވަންނަން. ވަދެ އެ ނޫސް ނިކުންނާނެ," މިނިސްޓަރު އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ސިވިލްކޯޓުން މިހާރު ކޮށްފައި އޮތް ހުކުމާ ހިލާފުނުވާ ގޮތަށް, ހަވީރު ނޫސް އަލުން ނެރެވޭނޭ އިންތިޒާމް ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ނިމެންދެން ސިވިލްކޯޓުން އަމުރުކޮށްފައި ވަނީ، ހަވީރުނޫހުގެ ތިން ހިއްސާދާރުން ކަމުގައިވާ، ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމްގެ ބައިވެރިވުން ނެތްގޮތަކަށް ހަވީރު ނޫސް ނުހިންގުމަށެވެ. އެ އަމުރ ރައްދުވާ ފަރާތަކީ ހަވީރު ނޫހުގެ އަނެއް ހިއްސާދާރު ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ މައްޗަށެެވެ. "އިރާދަކުރެއްވިޔާ މާދާމާ ސަރުކާރުން، ހަވީރު ނޫސް ނެރުމަށް ކުރަންޖެހޭ މަސައްކަތް ކުރާނަން. އެކަމަށްޓަކައި މިރޭ ވެސް މިއައީ އެޓާނީ ޖެނެރަލްއާ ވާހަކަ ދައްކާފައި،" މިނިސްޓަރު އުމަރު ވިދާޅުވިއެވެ. ހަވީރު ނޫސް އަލުން އޮޕަރޭޓްކުރަން ފެށުމަށް ސަރުކާން މަސައްކަތް ކޮށްދޭނޭކަމަށް ހޯމްމިނިސްޓަރު މިރޭ ވިދާޅުވިއިރު، ހަވީރު ނޫހުގެ ތިން ހިއްސާދާރުން ކަމުގައިވާ، އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމްގެ ފަރާތުން ވަނީ، އެ ނޫސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ