ކުރިއަށް އޮތް ހަފްތާ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވާން އިލްތިމާސްކޮށްފި

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވައިގަދަވުމާއިއެކު ކުރިއަށް އޮތް ފަސް ދުވަހުވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި، ހާއްސަގޮތެއްގައި ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް މިއަދު ރީނދޫ އެލާޓްވެސް ނެރެފައެވެ. އަދި މިރޭ 19:30 އިން ފެށިގެން މެންދަމު 00:15 އާ ހަމައަށް އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.
އެގޮތުން، އެވަގުތުތަކުގައި ގަޑިއަކު 19 މެލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ދެމޫސުން ބެދޭ ހިސާބަށް ދިއުމުން ކުރާ ވިއްސާރައެއް ކަމަށާއި، މި ވިއްސާރާގައި އެއް ދުވަހު ވިއްސާރަ ވެހިފަ އަނެއް ދުވަހު ވައި ގަދަވުންފަދަ ކަންތައްތައް ދިމާވެދާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައްޔާއި ދަތުރުތައް ކުރުމުގައި އެ އިދާރާއަށް ގުޅައި ލަފާ ހޯދައިގެން ދަތުރުތައް ކުރުމަށް މޫސުމާ ބެހެ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ