ރާގަވްއަށް މަޝްހޫރު ތެލުގޫ އެކްޓަރު ނާނީގެ ފިލްމަކުން ފުރުސަތު ލިބިއްޖެ
ފިލްމު "ކިލް"އިން ބެލުންތެރިންގެ ތަރުހީބު ލިބުނު އިންޑިއާގެ ޒުވާން އެކްޓަރު ރާގަވް ޖުޔަލްއަށް މަޝްހޫރު ތެލުގޫ އެކްޓަރު ނާނީގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރާގަވްއަށް މި ފިލްމުން ފުރުސަތު ލިބިފައިވާކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާއަށް 34 އަހަރު ފުރުމާ ގުޅިގެން އުފަންދުވަހުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައެވެ. މީގެކުރިން ވެސް ބޮލީވުޑްގެ ފިލްމުތަކުން ފެނިފައިވާ ރާގަވްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެންފެށީ މިދިޔަ އަހަރު ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ފިލްމު "ކިލް"ގައި އޭނާ ކުޅުނު ވިލެން ރޯލްގެ މޮޅުކަމުންނެވެ. އޭގެފަހުން ރާގަވް ދެން ފެނުނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޔުދްރާ"ގެ ވިލެންގެ ރޯލްއިންނެވެ. ރާގަވް އަދި ތެލުގޫ އެކްޓަު ނާނީ--ފޮޓޯ/ޕިންކްވިލާ ސައުތު ސިނަމާގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެކްޓަރުންގެތެރޭ ހިމެނޭ ނާނީއާ އެކު ރާގަވް ސޮއިކޮށްފައިވާ ފިލްމުގެ ނަމަކީ "ދަ ޕެރެޑައިސް"އެވެ. ސްރީކާންތު އޮޑެލާ ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގައި ރާގަވް ފެންނާނީ ކޮންކަހަލަ ރޯލަކުން ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާގައި ބުނެފައި ވަނީ "ދަ ޕެރެޑައިސް"އަށް ހަގީގަތުގައި ބޭނުންވަނީ ވަރަށް ވަރުގަދަ މަތިމަހެއް ހުންނަ ރަހުމްކުޑަ މީހެއްގެ ރޯލް ދައްކައިދެވޭނެ ފެންވަރުގެ އެކްޓަރެއް ކަމަށެވެ. ނަމަވެސް ފިލްމު "ކިލް" ބެލުމަށްފަހު "ދަ ޕެރެޑައިސް"ގެ ކެރެކްޓާއަށް އެންމެ ކަމުދާ އެކްޓަރަކީ ރާގަވްކަން ޔަގީންވި ކަމަށާއި އެ ރޯލް ރާގަވް ނޫން މީހަކަށް ނުކުޅެވޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. ނާނީގެ ފިލްމަކުން ރާގަވްއަށް ފުރުސަތު ލިބުނުއިރު ކުޅަދާނަ ނެށުންތެރިޔާއަށް ވަނީ އެކްޓަރު ޝާހްރުކް ޚާންގެ "ކިންގް"ގެ ރޯލެއް ވެސް ކުޅުމުގެ ފުރުސަތު ލިބިފައެވެ. ރާގަވް ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެތެރޭ ރަސްމީކޮށް އަދި އިއުލާނު ނުކުރާ ދެ ފިލްމެއް ވެސް ހިމެނެއެވެ. އެއީ "ހަސަލް" އަދި "ވެޑްލޮކް"ގެ ނަމުގައި އުފައްދާ ދެ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ