ޖުޑީޝަލް ސާވިސް ކޮމިޝަންގެ އާންމު މެންބަރު ކަމަށް އިދުރީސް ފައުޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ޖޭއެސްސީގެ އާންމު މެންބަރު ކަމުގެ މަގާމަށް ހުޅުވާލީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. އާމިނަތު އުއްމުކުލްސޫމްގެ ފަސް އަހަރުގެ ދައުރު އަންނަ މަހު 6އަށް ހަމާވާތީ އެވެ.
އެގޮތުން، ހުޅުވާލި ފުރުސަތުގައި، 8 ބޭފުޅުން ކުރިމަތި ލައްވާފައި ވާއިރު، އެ ބޭފުޅުންގެ ނަންތައް ކޮމިޓީން ދިރާސާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ ހުށަހަޅާފައެވެ.
ކޮމިޓީ ރިޕޯޓާ އެއްގޮތަށް އިދުރީސް އެ މަގާމަށް އައްޔަން ކުރުމާމެދު މެންބަރުންގެ ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 67 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، އިދުރީސް އެ މަގާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް 1 މެންބަރެއް ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.
ޖޭއެސްސީގައި ހިމެނެނީ، އާންމުން ކަނޑައަޅާ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި، ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި، ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނާއިބެވެ.
ޖޭއެސްސީގެ އާއްމު މެންބަރު ކަމަށް އިދުރީސް ފައުޒީ އައްޔަންކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ