ކުޅުދުއްފުށި ސިޓީގައި މޯލްޑިވްސް ގޭހުގެ އެޖެންޓް، ސޭމް ގޭހުން ގޭހުގެ އަގުބޮޑުކޮށްލުމުން އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުޅުދުއްފުށިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ސިޓީގައި ކުއްލިއަކަށް މިއަދުން ފެށިގެން ގޭހުގެ އަގު 275ރ. އިން 295ރ. އަށް ބޮޑުކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ތަކެތީގެ އަގު މިހާ ބޮޑު ދުވަސްވަރެއްގައި ރައްޔިތުން އިތުރު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
"ކުއްލިއަކަށް މިއަދު ހެނދުނު މި އެނގުނީ އާންމުކޮށް ގޭގޭގައި ގެންގުޅޭ ގޭސްފުޅިއަކުން 20ރ. އަގުބޮޑުވިކަން. މިހާރު ވިއްކަނީ 295ރ. އަށް. ކުރީގައި ވިއްކީ 275ރ. އަށް. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ކުއްލިއަކަށް މިހެން ގޭސް ބޮޑުކޮށްލާފައި މޯލްޑިވްސް ގޭހުގެ ޑިސްޓްރިބިއުޓާ، މިކޮޅުގެ އެޖެންޓެއް ގޭސް މި ވިއްކަނީ،" އޭނާ ބުންޏެވެ.
"މިދުވަސްވަރަކީ އެއްޗެހީގެ އަގުބޮޑުވެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާ ދުވަސްވަރެއްގައި އަނެއްކާ ހާއްސަކޮށް ކުޅުދުއްފުށީގައި އެކަނި ގޭސް އަގުބޮޑުވެގެން ކަންބޮޑުވަނީ."
ރާއްޖޭގެ އެއްވެސް ތަނެއްގައި ގޭސް އަގުބޮޑުނުވަނީސް ކުއްލިއަކަށް ކުޅުދުއްފުށީގައި ގޭސް ވިއްކާ އެޖެންޓު ބޭނުންވެގެން ގޭސް އަގުބޮޑުކޮށްލުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަސާސީ ހިދުމަތެއް ބޭނުން އަގެއްގައި ދެވޭ ގޮތަށް ދޫކޮށްލައިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ކުޅުދުއްފުށީގައި ގޭހުގެ އަގު ބޮޑުކުރުމާ ގުޅޭގޮތުން އެ ރަށުގައި ގޭސް ވިއްކާ މޯލްޑިވްސް ގޭހުގެ އެޖެންޓް އަބްދުއް ސަލާމް އަބޫބަކުރުއާ އަދަދު އިން ސުވާލު ކުރުމުން ވިދާޅުވީ ގޭސް ވިޔަފާރިއަކީ އޭނާގެ އަމިއްލަ ވިޔަފާރިއެއް ކަމަށެވެ. އަދި ގޭހުގެ އަގުބޮޑުކުރި ސަބަބު ސާފުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އޭނާ ވަނީ ޖަވާބު ދޭން ދެކޮޅު ހަދާފަ އެވެ.
"އަޅުގަނޑު އަމިއްލައަށް ގަނެގެން ވިއްކާ އެއްޗެއް. މޯލްޑިވްސް ގޭހަކާ ގުޅުންހުރި ކަމެއް ނޫން. މިއީ އަޅުގަނޑު އަމިއްލައަށް ކުރާ ވިޔަފާރިއެކޭ މިއީ ބޭފުޅާ. މޯލްޑިވްސް ގޭހުން ކީއްވެގެންތޯ ކުޅުދުއްފުށީގައި ގޭސް ނުވިއްކަނީ،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ގޭސްގެ ސޭލްސް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރު، މުހައްމަދު ނިހާދު އަދަދު އަށް ވިދާޅުވީ އެ ކުންފުނިން އެޖެންޓުންނަށް ވިއްކާ ގޭހުގެ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި ނަމަވެސް ގޭސް ވިއްކާ އެޖެންޓުންނަށް ގޭސް ވިއްކާ އަގަށް ބަދަލު ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުރިހާ އެޖެންޓުންނަށް ވިއްކާ އަގުވެސް ސޭމް. އަޅުގަނޑުމެން އެޖެންޓުންނަށް މި ވިއްކަނީ 190ރ. ގެ ރޭޓުން ތިލަފުށިން ގޭސް ނަގާ ކަމަށްވަންޏާ. ހުރިހާ އެޖެންޓުންނަށް ވެސް ވިއްކަނީ އެ ރޭޓަށް،" ނިހާދު ވިދާޅުވި އެވެ.
"އެޖެންޓުން އެ ރަށެއްގައި ގޭސް ވިއްކާ އަގަށް ބަދަލު ގެނައުމުގެ ފުރުސަތު އެ އެޖެންޓަކަށް ލިބިގެންވާނެ އެނގޭތޯ. އެގޮތަށް އަޅުގަނޑުމެން މޯލްޑިވްސް ގޭސްއަކުން މަނައެއް ނުކުރޭ."
މިކަމާ ގުޅޭ ގޮތުން ކުޅުދުއްފުށި ކައުންސިލާ ސުވާލުކުރުމުން ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަހުމަދު އަބްދުﷲ އަދަދު އަށް ވިދާޅުވީ އެ ރަށުގައި ގޭސް ވިއްކާ ދެ ކުންފުނިން ގުދަންކުރާ ބިން ބަދަލު ކުރުމަށް އަންގައި، މީހުން ދިރިއުޅޭ ސަރަހައްދާ ދުރުން ބިން ލިބޭނެ ފުރުސަތު ކައުންސިލުން ވަނީ ފަހިކޮށްދީފައި ކަމަށެވެ.
މިގޮތުން އަހުމަދު އަބްދުﷲ ވިދާޅުވީ ކައުންސިލުން ބިމުގެ ކުލި ވެސް ކަނޑައަޅާފައިވާނީ ވަރަށް ކުޑަ އަގެއްގައި ކަމަށާއި އެއީ ރައްޔިތުންނާ ގުޅޭ އަސާސީ ހިދުމަތެއް ދޭނެ ތަނަކަށް ވާތީ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ގޭހުގެ އަގުބޮޑުކުރި ސަބަބެއް ނޭގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޭހުގެ އަގުބޮޑު ނުވާނެ ހުރިހާ ގޮތަކަށް އަޅުގަނޑުމެން ވިސްނާފައި އެކަން އެހެރީ ކޮށްފައި. އަޅުގަނޑުމެން ބޭނުމެއް ނުވޭ ގޭހުގެ އަގު މައްޗަށް ދާކަށް. އަޅުގަނޑުމެން މަޝްވަރާ ކުރާނަން ގޭހުގެ އަގުބޮޑުވެއްޖެއްޔާ އެކަމާ ގުޅޭގޮތުން،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
ކުޅުދުއްފުށި ސިޓީގައި 2،500 އެއްހާ ގޭބީސީ ހުންނައިރު އޭގެ ތެރެއިން ގިނަ ގޭބީސީތަކަށް ގޭސް ގަންނަނީ މޯލްޑިވްސް ގޭސް އިންނެވެ.
ކުއްލިއަކަށް މޯލްޑިވްސް ގޭހުގެ އަގުބޮޑުކުރުމުން ކުޅުދުއްފުށި ރައްޔިތުން ކަންބޮޑުވެއްޖެ ކުއްލިއަކަށް މޯލްޑިވްސް ގޭހުގެ އަގުބޮޑުކުރުމުން ކުޅުދުއްފުށި ރައްޔިތުން ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ