ހުޅުމާލޭގައި އަލަށް އާބާދުވެފައިވާ އުތުރު އަވަށުގެ "ހިޔާ ފްލެޓް" އެއް ބަޔަކަށް ކޮތަރުކޮށްޓެކެވެ. އަނެއް ބަޔަކަށް އެއީ ގަނޑުވަރެކެވެ. އެކަމަކު މި އެންމެން ވެސް ގަބޫލުކުރާ އެއް ކަމެއް އެބަ އޮތެވެ. ހިޔާ ފްލެޓްތަކަކީ މައްސަލައިގެ ހާއްޔެކެވެ.
ހިޔާ ފްލެޓްތައް ނޫސްވެރިންނަށް ދައްކާލި ހިސާބުން ފެށިގެން އެ ތަނުގައި މީހުން ދިރިއުޅެން ފެށުމާ ހަމައަށް އިވެމުން ދިޔަ އެންމެ ބޮޑު ޝަކުވާއަކީ އެ ފްލެޓްތަކުގެ ޖާގަ ކުޑަވުމެވެ. އެޕާޓްމަންޓްތަކާއި ލިފްޓް ކައިރީގައި މީހުން ތިބުމަށް ޙާއްސަ ކުރެވިފައިވާ ހުސް ޖާގަ ކުޑަވުމެވެ. އެ ތަނުގައި ބައެއް ފަރާތްތަކުން ދިރިއުޅެން ފެށުމުން ނޫސްވެރިން ކުރި ޒިޔާރަތްތަކުގައި އިވުނު މައިގަނޑު ޝަކުވާއަކީ މިއެވެ.
އެހެން ނަމަވެސް މި ފަހުން ވީމީޑިއާގެ ނޫސްވެރިން އެތަނަށް ދިއުމުން އިވުނީ މުޅިން އެހެން ޝަކުވާއެކެވެ. މި ފަހަރު ވެސް އެއްކަލަ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރިއެވެ. ނަމަވެސް، އެންމެ ބޮޑު ޝަކުވާއަކީ މިހާރު އެއެއް ނޫނެވެ. ފްލެޓްވެރިންނަށާއި އެ ތަނުގައި ދިރިއުޅޭ އެމީހުންގެ ޢާއިލާތަކަށް މިހާރު އެންމެ ބޮޑު އެއް މައްސައަކީ ހިޔާ ޓަވަރުތަކުގެ ލިފްޓް ހަލާކުވެފައި ހުރުމެވެ. ލިފްޓް އޮޕަރޭޓް ނުވާތީ އެވެރިންގެ ޝަކުވާކުރީ ނިކަން ކަންބޮޑުވެ ތިބެއެވެ.
ހިޔާ ސަރަހައްދަށް ގޮސް ވީމީޑިއާގެ ނޫސްވެރިން ވަނީ ހިޔާ ޓަވަރު 11، 10، އަދި 4ގައި ދިރިއުޅޭ ބައެއް މީހުންގެ ވާހަކަތައް އަޑުއަހާފައެވެ. ބުރާސްފަތި ދުވަހުގެ ހަވީރު އެ ތިން ޓަވަރުގެ މީހުން ވެސް ދެއްކި މައިގަނޑު ވާހަކައަކީ ޓަވަރުތަކުގެ ލިފްޓްތައް އޮޕަރޭޓް ނުވާ ވާހަކައެވެ. ލިފްޓްތައް މެއިންޓެއިން ނުކުރެވޭ ވާހަކައެވެ. އޭގެ ސަބަބުން ފަންގިފިލާތަކަށް އަރައިފޭބުން ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް އެ މީހުން ބުނެއެވެ.
އެ މީހުން ބުނާ ގޮތުގައި ލިފްޓްތައް ކައިރީގައި މީހުން ތޮއްޖެހެނީ އެ ތަނުގެ ޖާގަ ކުޑަވެގެނެއް ނޫނެވެ. ތިން ލިފްޓް ހުންނަ ޓަވަރެއްގައި އެންމެ ލިފްޓެއް އޮޕަރޭޓްވާ ނަމަ އެ ތަނުގެ ޖާގަ ބޮޑުކުރިޔަސް މީހުން ތޮއްޖެހޭނެއެވެ. ބައެއް ލިފްޓްތައް ހަލާކުވެފައި ހުންނަތާ ނުވަތަ ބޭނުންނުކުރެވޭތާ މިހާރު މަހެއްހާ ދުވަސް ވަނީއެވެ. އަނެއްބައި ލިފްޓްތައް އޮޕަރޭޓްނުވެ ހަފުތާއެއްހާ ދުވަސްވީއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި ވެސް އެތައް ބަޔަކު ދިރިއުޅެމުން ދާއިރު އަދި އެތައް ފްލެޓްގައި މަސައްކަތް ކުރެވެމުންދާއިރު އެންމެ ލިފްޓެއް މަސައްކަތް ނުކުރިޔަސް ވަރަށް ދަތިވާނެއެވެ.
އެ ވާހަކަތައް އަޑުއެހުމަށް ފަހު ވީމީޑިއާގެ ނޫސްވެރިން ވަނީ ހަލާކުވެފައި ކަމަށް ބުނާ ލިފްޓްތައް ބަލާލާފައެވެ. އެއީ ހަގީގަތެވެ. އެ ލިފްޓްތަކުން ހުރީ ޚިދުމަތް ކެނޑިފައެވެ. ލިފްޓްތައް ހިމެނޭހެން ހިޔާ ފްލެޓްތަކުގެ މެއިންޓެނަންސްގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ ފިރިކަލުން އަޙްމަދު ޝާހިދާއި (ސާބެ) އާއި, އިބްރާހިމް ހަމީޒާއި, އިސްމާޢީލް އިބްރާހިމާއި, ފާޠިމަތު ސަޢީދު ހިމެނެއެވެ. ސާބެއަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.
ހިޔާ ފްލެޓް އަޅަން ހަވާލުކުރެވިފައިވާ ސްޓޭޓް ޗައިނާ ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނުން މި ލިފްޓް އިންސްޓޯލްކޮށް ބެލެހެއްޓުމަށް ކޮންޓެކް ކުންފުންޏާއި ހަވާލުކޮށްފައި އޮތުމަށްފަހު އެޗްޑީސީއާއި ހިޔާ ފްލެޓްގެ މެއިންޓެނަންސް މިދިޔަ އަހަރު ނިމުނު ހިސާބުން ފެށިގެން ހަވާލުވުމަށްފަހުވެސް ލިފްޓު ބެލެހެއްޓުމަށް ވަނީ ހަމަ މި ކުންފުންޏާއެކު ކޮންޓްރެކްޓްގައި ސޮއި ކުރެވިފައެވެ.
އެކަމަކު މިކަން އީވާގެ ފިރިމީހާއާ ގުޅުވާ ސިޔާސީ ކުރުމަށް ވުރެ މި ވަގުތަށް މުހިންމީ މައްސަލަ ހައްލުކުރުމެވެ. ކޮންމެ ގޮތެއް ވިޔަސް މި ވަގުތު ހިޔާގައި އެެންމެ ބޮޑު މައްސަލައަކީ މިއެވެ. އެތައް ބައެއްގެ އާންމު ދިރިއުޅުމާ ގުޅިފައިވާ މައްސަލައެކެވެ. ބޭނުންވަނީ ހައްލެވެ. ބަހަށް ވުރެ އަމަލެވެ.
ހިޔާ ފްލެޓްތަކުގައި ޖާގަ ކުޑަވުމަށް ވުރެ ބޮޑީ ލިފްޓް އޮޕަރޭޓް ނުވާ މައްސަލަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ