ކޮވިޑް-19 ގައި އެމެރިކާގެ ލައްކައަށްވުރެ ގިނަ މީހުން މަރުވިއިރު އޭގެތެރޭގައި ސިއްހީ ދާއިރާގެ 291 މީހުން

ވޮޝިންޓަން (27 މޭ 2020): ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ އަދަދު އެއްލައްކަ ހަ ސަތޭކައަށް އަރާފައިވާއިރު އެރޯގާ ޖެހުނު މީހުންގެ ތެރޭގައި އެމެރިކާގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭގޮތަށް ސިއްޙީ ދާއިރާގެ 62،000 އަށް ވުރެ ގިނަ މީހުން ހިމެނޭކަމަށް އެގައުމުން ބުނެފިއެވެ. ރޯގާތައް ކޮންޓްރޯލް ކުރުމާބެހޭ އެމެރިކާގެ މަރުކަޒު "ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" (ސީޑީސީ) އިން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގެ ސިއްޙީ ދާއިރާގެ 62،344 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 291 މީހުން މަރުވެފައިވާކަމަށެވެ. ކޮވިޑް-19 އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިއްޙީ ދާއިރާގެ ޑޮކްޓަރުންނާއި ނަރުހުން މިހާގިނަ އަދަދަކަށް ޕޮޒިޓިވްވެ އަދި އޭގެތެރެއިން އެތަށް ބަޔަކު މަރުވީ ސިއްޙީ ރައްކާތެރިކަމުގެ ވަސީލަތްތައް އެެމެރިކާގެ ހޮސްޕިޓަލްތަލުގައި ނެތި މަސައްކަތް ކުރަންޖެހުމުންނެވެ. އެ ވަސީލަތްތައް ނެތުމުން ކުނިކޮތަޅާއި ވިއްސާރަ ކޯޓުފަދަ ތަކެތި ލައިގެންވެސް އެމެރިކާގެ ހޮސްޕިޓަލުތަކުގައި އެތައް ހަފްތާއެއްވަންދެން ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރަންޖެހުނެވެ. އެމައްސަލާގައި އެމެރިކާވަނީ ވަރަށް ބޮޑަށް ފަޟީހަތް ވެފައެވެ. ކޮވިޑް-19 ޖެހިގެން އެމެރިކާގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވިއިރު މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި މިފަދަ ވަބާއެއްގައި ދުނިޔޭގެ އެއްގައުމަކުން މިހާ ގިނައަދަދަކަށް މީހުން މަރުވި ފުރަތަމަ ފަހަރެވެ. މިއަދަދާއެކު ކޮވިޑް-19 އާ ކުރިމަތިލުމުގައި އެމެރިކާގެ ސިއްޙަތާބެހޭ ދާއިރާއާއި ސިޔާސީ ދާއިރާގެ ނުކުޅެދުން ތެރިކަން މުޅި ދުނިޔެއަށްވަނީ ހާމަވެގެން ގޮސްފައެވެ. މިހާރުވެސް ކޮވިޑް-19 ޖެހިގެން އެމެރިކާގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 600 އާއި 900 ދެމެދުގެ އަދަދަކަށް މީހުން މަރުވަމުން ދެއެވެ. މިހާލަތުގައި އެމެރިކާ ވަނިކޮށް އެމެރިކާގެ އިގްތިސާދު ހުޅުވާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން އޭނާއަށް ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ. ކޮވިޑް-19 ޖެހިގެން އެމެރިކާގައި މިހާގިނަ އަދަދަކަށް މީހުން މަރުވުމުގައި އެމެރިކާގެ ހުރިހާ ރައްޔިތުން ޝާމިލްވާގޮތަށް ސިއްހީ ރައްކާތެރިކަން (ހެލްތް އިންޝުއަރެންސް) ސަރުކާރުން ފޯރުކޮށްނުދޭ މައްސަަލަ ހިމެނޭކަން ތަޖްރިބާކާރުންވަނީ ފާހަގަ ކުރައްވާފައެވެ. ޔޫރަޕްގެ ގައުމުތަކާއި އެނޫންވެސް ގިނަ ގައުމުތަކުގައި އޮންނަފަދަ ހުރިހާ ރައްޔިތުން ޝާމިލްވާ ސިއްހީ އިންޝުއަރެންސްގެ ނިޒާމެއް އެމެރިކާގައި ނޯވެއެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ