އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނު ޒުވާނަކު ޝަހީދު ކޮށްލައިފި

ޣައްޒާ-އިސްރާއީލު ވަކިކުރާ ސަރަހައްދީ އިމުގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު މީހަކު ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާގައި ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ސިފައިން ބަޑިޖެހުމުގެ ޝަހީދުވެފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވާ އަހްމަދު އަރަފާ ކަމަށެވެ.
ޣައްޒާގެ ބުރެއިޖުގައި ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލު ސިފައިން ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އަފަރާގެ މެޔަށް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިއީ، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ޣައްޒާގެ އާންމުން މިދިޔަ ހުކުރުދުވަހު ފެށި މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ 17 މީހުން ޝަހީދުކޮށް އިތުރު އެތައްސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައިވާ ހާދިސާއާ ގުޅިގެން މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް، އަނެއްކާވެސް ބަޑިޖަހައި ޝަހީދުކޮށްލި ފުރަތަމަ މީހާއެވެ.
މިދިޔަ ހުކުރުދުވަހަކީ، ހަމާސްއާއި އިސްރާއީލާ ދެމެދު 2014 ވަނަ އަހަރު ހިނގި ހަނގުރާމައިގެފަހުން އިސްރާއީލުގެ އަނިޔާވެރިކަމުގައި ފަލަސްތީނުގެ އެންމެގިނަ މީހުން ޝަހީދުކޮށްލި ދުވަހެވެ.
ހަހަފްތާއަށް ދެމިގެންދާ ގޮތަށް ޣައްޒާގެ ރައްޔިތުން ހުކުރުދުވަހު ފެށި މުޒާހަރާތައް އޭގެފަހުން މެދުނުކެނޑި ކުރިއަށް ދެއެވެ. ނަމަވެސް، މުޒާހަރާގައި ފުރަތަމަ ދުވަހު މީހުން ބައިވެރިވި އަދަދަށްވުރެ މީހުން މަދުކޮށް ކަމަށް މީޑިއާއިން ބުނެއެވެ.
އަންނަ ހުކުރުދުވަހު މުޒާހަރާއަށް ނުކުންނަ މީހުންގެ އެތައްހާހަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މުޒާހަރާގެ ތެރެއަށް އިސްރާއީލު ސިފައިން އަސްލު ވަޒަން ބޭނުންކޮށްގެން ހަމަލާދިން މައްސަލަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ކުށްވެރި ކޮށްފައިވާއިރު، މިމައްސަލައިގެ މިނިވަން އަދި އެތެރެފެންނަ ތަހްގީގެއް ހިންގުމަށް އދގެ ސެކްރެޓަރީ ޖެނެރަލްއާއި، ޔޫރަޕް އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާވެސް ވަނީ ގޮވާލައްވާފައެވެ.
އެކަމަކު، އިސްރާއީލުގެ ޖައްބާރު ދިފާއީ ވަޒީރު އަވިގޯރ ލީބަރމަން މިއަދުވެސް ބުނެފައިވަނީ، ޣައްޒާ-އިސްރާއީލު ވަކިކުރަން ޖަހާފައިވާ ފެންސާ ގާތްވާ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
މިދިޔަ ހުކުރުވަހު، ފަލަސްތީނުގެ އެއްވެސް ހަތިޔާރެއްނެތް އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގި ލޭއޮހޮރުވުންތައް އިސްރާއީލުންވަނީ ދިފާއުކޮށްފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވަނީ "އިސްރާއީލުގެ އިސްތިގްލާލާއި ރައްޔިތުން ހިމާޔަތްކުރުމަށް" ސިފައިން ދެއްކި ހިތްވަރަށް ތައުރީފް ކޮށްފައެވެ.
ފަލަސްތީނުން ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ ފަލަސްތީނު އާންމުންގެ ގަޔަށް ބަޑިޖެހީ، އެމީހުންގެ ފަރާތުން އިސްރާއީލު ސިފައިންނަށް އެއްވެސް ނުރައްކަލެއް ނެތްކަން ކަނޑައެޅިގެން އެނގިތިބެ ކަމަށެވެ. ހިއުމަން ރައިޓްސް ވޮޗުންވެސް ބުނެފައިވަނީ އިސްރާއީލު ސިފައިން ބަޑިޖެހީ އެއްވެސް ނުރައްކަލެއް ނެތް ހާލަތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ