ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރަމުންދާ 4000 ފްލެޓުގެ ޑައުންޕޭމަންޓާއި ކުއްޔާ ގުޅޭ ގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް، ގެނެވޭން އޮތް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުކުރައްވައި ވާހަކަ ދެއްކި ބައެއް މީހުން ބުނީ ފްލެޓުގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ގާބިލުކަން ނެތް ކަމަށެވެ. އަދި ސަރުކާރުން މިހާރު ކުއްޔަށް ދީފައިވާ އެހެން ފްލެޓުތަކާ އަޅާބަލާއިރު އެފްޑީސީގެ ފްލެޓުތަކުގެ ކުލި މާ ބޮޑުކަން ފާހަގަކޮށް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރަނީ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ގެނެވެން ހުރި ޕޮޒިޓިވް ބަދަލުތައް ގެނައުމަށް ކަމަށެވެ. އެގޮތުން 4000 ފްލެޓުގެ ޑައުންޕޭމަންޓްގެ ގޮތުގައި ކަނޑައަޅާފައިވާ 25،000 ރުފިޔާއާއި މަހުން މަހަށް ދައްކަންޖެހޭ ކުއްޔަށް ލުއި ގޮތްތަކެއް ހަމަޖެއްސޭތޯ ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިކަމަކީ ވެސް ވަރަށް ސީރިއަސްކޮށް އަޅުގަނޑު ބަލައިދޭނެ ކަމެއް. ތިކަމަށް ގެނެވޭނެ ހައްލަކީ، މި ދެންނެވީ މި ހަތަރު ހާސް ފްލެޓުގެ މި ޑައުން ޕޭމަންޓު 25،000ރ ގެ ކަންތައްތަކުގައި ތިޔަ ވިދާޅުވާ ކަންތައް އުނިކޮށް، ނުވަތަ އެއަށް ކޮން ކަހަލަ ބަދަލެއްތޯ، އަދި މަހުން މަހަށް ދައްކަންޖެހޭ ވަރު އެއަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ އަޅުގަނޑުމެން ގޮސްފައި ބަލާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަންކަން ބެލުމަށްފަހު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވޭނެ އެންމެ ރަނގަޅު ހައްލު ގެނެސްދެއްވާނެ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން އަންނަނީ 4000 ހައުސިން ޔުނިޓް ތަރައްގީ ކުރަމުންނެވެ. މި މަޝްރޫއުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، ކުއްޔާއި ޑައުންޕޭމަންޓްގެ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ.
4000 ފްލެޓުގެ ކުއްޔާއި ޑައުންޕޭމަންޓަށް ގެނެވޭނެ ރަނގަޅު ބަދަލަކީ ކޮބައިތޯ ބަލާނެ ކަމަށް ރައީސް ވިދާޅުވެއްޖެ 4000 ފްލެޓުގެ ކުއްޔާއި ޑައުންޕޭމަންޓަށް ގެނެވޭނެ ރަނގަޅު ބަދަލަކީ ކޮބައިތޯ ބަލާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ